ރައީސުލްޖުމްހޫރިއްޔާގެ އޮފީސް؛ އަންނަ ހަފުތާގެ ވެސް ހަތަރު ދުވަހު އޮފީސްތައް ހުޅުވަން ރައީސް ވަނީ ހުއްދަ ދެއްވާފަ
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް؛ އަންނަ ހަފުތާގެ ވެސް ހަތަރު ދުވަހު އޮފީސްތައް ހުޅުވަން ރައީސް ވަނީ ހުއްދަ ދެއްވާފަ
ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައި އޮތް އޮތުން ބަދަލުކޮށް، އަނެއްކާވެސް އިތުރު ހަފުތާއަކަށް ސަރުކާރުގެ އޮފީސްތައް ހުޅުވަން ހުއްދަ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިއްމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މި އިތުރުކުރެއްވި މުއްދަތުގެ ތެރޭގައި، ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، ދުވަހުގެ އިތުރަށް ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ސަރުކާރުގެ އޮފީސްތައް ހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. އެކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި މި އަހަރުގެ 19 ވަނަ ނަންބަރު ދެންނެވުމުގައެއެވެ.

ސަރުކާރުގެ އޮފީސްތައް ހަފުތާއަކު ހަތަރު ދުވަހު ހުޅުވާގޮތަށް ހަމަޖެއްސި ނަމަވެސް، އޮފީސް ތަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު ހުޅުވައިނުލުމަށް ސަރުކާރުގެ އޮފީސްތަކަށް މިދެންނެވުމުގައި ވަނީ އަންގަވާފައެވެ. މީގެ އިތުރުން، ސަރުކާރުގެ އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވަންވާނެ ކަމަށާއި، އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށާ އަދި ވީހައި މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ވެސް ރައީސް އޮފީހުގެ ދެންނެވުމުގައި ވަނީ ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގާފައެވެ.

ސަރުކާރުގެ އޮފީސްތައް ހުޅުވަން ހަމަ ޖެއްސެވި ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން އެ މަސައްކަތް ކުރުމަށް ވެސް ރައީސް އޮފީހުން ވަނީ އަންގާފައެވެ. އަދި ސަރުކާރުގެ އޮފީހެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ އެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އޮފީހަކުން ހުށައެޅުމުން، އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި، ސަރުކާރުގެ އޮފީހެއް ހުޅުވިނަމަވެސް، މިހާރެކޭވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި، އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް އޮންލައިން ކޮށް ދެމުން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށްވެސް ދެންނެވުމުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން