ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އެމްޑީޕީއަށް ބަދަލުވި ސިޓީ މަޖިލީހަށް ނުލިބޭތީ ބައެއް ދަތިތައް ކުރިމަތިވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ސަޢުދުގެ ސިޓީ މަޖިލީހަށް ލިބިފައިނުވާތީ މަޖިލީހުގައި ތިއްބެވި ވަކިޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންނަށް ބަހުސްގައި ލިބިވަޑައިގަންނަވާ ވަގުތު ކަނޑައެޅުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ރައީސް ނަޝީދުވަނީ މެންބަރު ސައުދު އެމްޑީޕީއަށް ބަދަލުވެފައިވާތީ އެކަމާގުޅިގެން ފުރިހަމަކުރަން ޖެހޭ އިދާރީ ކަންތައްތައް އަވަހަށް ފުރިހަމަ ކުރުމަށް އެދިވަޑައިގެންފައެވެ. އެހެން ނޫންނަމަ މަޖިލީހުގައި ތިއްބެވި ވަކިޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ފުރުސަތުތަކަށް ހިޔަނިއެޅޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މެންބަރު ސަޢުދު އެމްޑީޕީއަށް ސޮއިކުރެއްވީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. ސައުދު އެމްޑީޕީއާ ގުޅުމުން މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދުވަނީ 66 އަށް އަރާފައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގޮނޑި ގެއްލުނު ކަމަށް ބުނެ މެންބަރުކަމުން ވަކި ކުރެއްވި 12 މެމްބަރުންގެ ތެރޭގައި ސަޢުދު ހިމެނިވަޑައިގަންނަވައެވެ.

ސައުދު 18ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އިންތިޚާބުވީ ޕީޕީއެމްގެ ޓިކެޓްގައެވެ. ނަމަވެސް މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ސައުދު އިންތިހާބުވެފައިވަނީ އަމިއްލަ ގޮތުންނެވެ.



ކިޔުންތެރިންގެ ހިޔާލު