ރާއްޖޭގެ ކަނޑުގެ އިޚްތިޞާޞާއިމެދު ސަރުކާރުގެ ސްޓޭންޑް ބަދަލު ނުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރެވެ.

އާދަމް ޝަރީފްގެ ކުއްލި މައްސަލާގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ އިޚްތިޞާޞްގެ މައްސަލާގައި ރާއްޖެއިން މިހާރު އަމަލުކުރަމުންދާގޮތުން އެކަމުގައި ބޭރުގެ ނުފޫޒު އޮތްކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ބިމުން ވެލިފުކެއްގެ މިންވަރު ވިޔަސް އަދި ކަނޑުން ކޮޑި އިންޗިއެއްގެ މިންވަރުވިޔަސް އެއްވެސް ބަޔަކަށް ދިނުމާމެދު ދިވެހިން ނިހާޔަތަށް ދެކޮޅުހަދާކަމަށް އާދަމް ޝަރީފް ހުށައެޅުއްވި މައްސަލާގައިވެއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ސަރަހައްދަކީ ކޮބައިކަމާއި އެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުން ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިމައްސަލާގައި ކުރިން ސަރުކާރުން ގެންގުޅުނު ސިޔާސަތު ކުއްލިއަކަށް ބަދަލުކޮށް، މޮރިޝަންސްއަކީ ޗާގޯސްގެ ސިޔާދަތީ ބާރު ހިނގާ ޤައުމުކަމުގައި ނިންމި ނިމްމުމަކީ އިޔާދަ ނުކުރެވޭފަދަ ބޮޑު ގެއްލުން ދިވެހިރާއްޖެއަށް ލިބޭނެ އަދި ރާއްޖެއިން 96000 އަކަ ކިލޯމީޓަރގެ ބޮޑުބައެއް ގެއްލިގެންދާނެ ކަމެއް ކަމަށްވެސް މައްސަލާގައިވެއެވެ. ހަމައެއާއެކު މިމައްސަލާގައި ދިވެހި ދައުލަތުގެ މަސްލަހަތުގެ ބަދަލުގައި ރާއްޖެއަށް ގެންލުން ލިބޭފަދަ ގޮތަކަށް ސަރުކާރުގެ ސްޓޭންޑާއި ސިޔާސަތު ބަދަލުކޮށްފައިވާތީ އެކަން އެގޮތަށް ނުކުރުމަށްވެސް މައްސަލާގައިވަނީ ގޮވާލާފައެވެ.

މި ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ފެންނަ ކަމަށް 54 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު