ރާއްޖޭގެ އިޚްތިޞާޞްގެ މައްސަލައަކީ ރައީސްގެ ސިޓީއަކުން ނިންމޭނެ ކަމެއް ނޫންކަމަށް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްއެންޕީގެ ރައީސް ނާޒިމް ވިދާޅުވީ، ޗާޖޯސްއާ ގުޅިގެން ދިވެހިރާއްޖޭން ހިފަހައްޓަމުންއައި ސިޔާސަތު ކުއްލިއަކަށް ސަރުކާރުން ބަދަލުކުރި ކުރުމުގައި ދިވެހިރާއްޖޭގެ ޤައުމީ އަދި އިޤްތިޞާދީ މަޞްލަހަތަށް އިސްކަންދީފައި ނުވާކަމަށެވެ.

ނާޒިމް މިއަދު ވިދާޅުވީ ޗާގޯސް މައްސަލާގައި ސަރުކާރުން ޢަމަލުކުރާގޮތުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އެހެންކަމުން ދިވެހިންނަށް އެ ސަރަޙައްދަށް ކްލެއިމް ކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ސަރުކާރުން ކީއްވެތޯ މިކަމުގައި ދޫދޭ ވިސްނުމެއް މި ގެންގުޅުއްވަނީ؟ އަޅުގަނޑުމެން މިތިބީ ދޫދޭގޮތަކަށް ނޫން. ރާއްޖޭގެ އެންމެ ތަންފުކެއްވެސް ދޫކުރާކަށް ނެތިން." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީގައި ރާއްޖޭގެ ސަރަޙައްދު ކަނޑައަޅާފައިވާ ކަމަށާއި، އަދި ރާއްޖޭގެ ސަރަޙައްދުން ބައެއް ދޫކޮށްލެވޭނެ ގޮތްވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން ބޭނުންގޮތަކަށް އިޚްތިޞާޞްގެ މައްސަލާގައި ގޮތް ނުނިމްމޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހަށް އެއްޗެއް ހުށަނާޅާ އަމިއްލަފުޅަށް ކަންކަން ނިންމޭގޮތަކަށްނޫން ޤާނޫނުއަސާސީ އޮތީކީ. ސިޓީ ފުޅެއް ފޮނުއްވައިގެން ވަކިގޮތަކަށް މިކަންކުރަށްވަން އުޅުއްވާ މަންޒަރު ފެންނަނީ. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން." ނާޒިމް ވިދާޅުވިއެވެ.

ފޯޅަވަހީގެ މައްސަލައިގައި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ޤަރާރު ވަނީ މިއަދު މަޖިލީހަށް ބަލައިގެންފައެވެ. މި ޤަރާރަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ ފޯޅަވަހީގެ މައްސަލައިގެ ތެރެއިން ރާއްޖެއިން ބައެއް ގެއްލިދާނެކަމަށް ބުނެ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އާދަމް

24-Oct-2022

މިހާބޮޑު ޚިޔާނާތެއް ވުމުގެ ސަބަބުން އިބުރާހިމް މުޙައްމަދު ޞާލިހު ވަގުތުން ވެރިކަމުން ދުރުކުރުމަކީ މަޖިލީހާއި ސުޕުރީމް ކޯޓުގެ މައްޗަށް ލާޒިމު ކަމެއް ނޫންނަމަ މިއަށްވުރެ ބޮޑު މޮޔަކަމެއް ކޮށްފާނެ ގައުމު ސަލާމަތް ކުރޭ



ޓްރެންޑިން