މާލެސިޓީ ލޮކްޑައުންގައި؛ ދިރާސާގައި ބުނަނީ 90 އިންސައްތަ މީހުން ބަސް އަހައިގެން ގޭގައި ތިބި
މާލެސިޓީ ލޮކްޑައުންގައި؛ ދިރާސާގައި ބުނަނީ 90 އިންސައްތަ މީހުން ބަސް އަހައިގެން ގޭގައި ތިބި
ކޯވިޑް19 އިން ރައްކާތެރިވެ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، 90 ޕަސެންޓް މީހުން ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބައި ގޭގައި ތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ދިވެހި ގައުމީ ޔުނިވަސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ސާވޭއަކުން ހާމަވެއްޖެއެވެ.

ކޯވިޑް19ގެ އިޖްތިމާއީ އަދި އިގްތިސޯދީ ކަންކަމަށް ކުރި އަސަރު ދެނެގަތުމަށް އެޗްޕީއޭ އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ހުސްވި މޭ މަހު އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ސާވޭގެ ފުރަތަމަ ބުރުގައި 2،871 ބައިވެރިޔަކު ވަނީ މައުލޫމާތު ދީފައެވެ. އަދި އެ ސާވޭގެ ނަތީޖާތައް އެޗްޕީއޭގެ ފަރާތުން މިހާރު ވަނީ އާންމުކޮށްފައެވެ.

ސާވޭގައި ބައިވެރިވި 90 ޕަސެންޓް މީހުން ބުނީ އެމީހުން ކޮންމެހެން ޒަރޫރީ ކަމެއްގައި މެނުވީ ގެއިން ބޭރަށް ނުދާ ކަމަށާއި، ބަލިން ރައްކާތެރިވުމަށް ތިބީ ގޭގައި ކަމަށެވެ. އެއީ 2،583 މީހުންނެވެ.

ސާވޭގެ 94 ޕަސެންޓު މީހުންނަށް ކޮވިޑް19 ގެ އަލާމާތްތައް ދެނެގަންނަން އެނގުނު ކަން ފާހަގަކޮށްފައިވެއެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، އެ "ޗެއިން ބްރޭކް" ކުރާނެ ގޮތް 84 ޕަސެންޓު މީހުންނަށް އެނގޭ ކަމަށް އެ ސާވޭ އިން ދައްކައެވެ.

ބައްޔާ ގުޅިގެން ކަރަންޓީން ކޮށްފިނަމަ، ނުވަތަ އެކަހެރިކޮށްފި ނަމަ މީހުން ތިމާއާމެދު ދެކޭނެ ގޮތް ބަދަލުވެދާނެ ކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 37 ޕަސެންޓު މީހުންނެވެ. އަދި ބަލިން ރައްކާތެރިވުމަށް ގައިދުރުކަން ބަހައްޓަން ޖެހޭ މިންވަރަށް ގޭގައި އެކަން ނުކުރެވިދާނެ ކަމުގެ ކަންބޮޑުވުން 33 ޕަސެންޓު މީހުން ފާޅުކުރިއެވެ.



ކޯވިޑް19 އާ ދެކޮޅަށް ގައުމީ ފެންވަރުގައި ކުރާ މަސައްކަތަށް ސާވޭގެ ބައިިވެރިން ދީފައި ވަނީ 10 އިން 7 މާކުހެވެ.

ކޯވިޑް19 އާ ގުޅިގެން ގައުމީ ޔުނިވާސިޓީން ގިނަ ދިރާސާތަކެއް ކުރަމުން އަންނަ އިރުު، ފުރަބަންދަށް ދިން ލުއިތަކާ އެކު މާލޭގައި ކޯވިޑް ފެތުރެމުންދާ މިންވަރު ބެލުމަށް ވެސް ދިރާސާއެއް ހެދުމުގެ މަސައްކަތް ވެސް ޔުނިވަސިޓީ އިން ކުރިއަށް އެބަގެންދެއެވެ. އެ ދިރާސާގެ ދަށުން ފްރަންޓްލައިންގައި އުޅޭ ވެމްކޯފަދަ ތަންތަނުގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނާއި ބަލި ފަސޭހައިން ޖެހިދާނެ މީހުންނަށް އަމާޒުކޮށް ސާމްޕަލް ނަގަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.

ކޯވިޑް-19ގެ ސަބަބުން ކުރެވޭ މުހިންމު ދިރާސާތައް ފަދަ މަސައްކަތްތަކުގައި ގައުމީ ޔުނިވާސިޓީގެ 1،200 ދަރިވަރަކު ހަރަކާތްތެރިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން