ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލި ގޮތަކަށް ނިޔާވި، އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޢާއިލާއާ ޙަވާލުކުރުމަކީ އެންމެ މަސްލަޙަތުހުރި ގޮތްކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޢަބްދުاللهގެ އޮޓޮޕްސީ ހެދުމަށް ފުލުހުން މަސައްކަތްކުރަމުންދިޔަ ނަމަވެސް ޢާއިލާއިން ގެންދަނީ އެކަމަށް އިންކާރު ކުރަމުންނެވެ. ޢާއިލާއިން ބުނެފައިވަނީ ޢަބްދުاللهގެ ހަށިގަނޑަށް އިތުރު ގެއްލުންތަކެއް ދޭން ބޭނުންނުވާކަމަށާއި ބޭނުންވަނީ ވީއެންމެ އަވަހަކަށް ޖަނާޒާގެ ކަންތައް ނިންމުމަށް ކަމަށެވެ.

އެކަމާ ގުޅިގެން ޝައިޚް ޒައިދު ވިދާޅުވީ ރާޖިހު މަސްލަހަތަކާ ނުލައި މައްޔިތުން ވަޅުލުން ލަސްކުރުމަކީ ދީނީ ގޮތުން ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް އާއިލާއާ ހަށިގަނޑު ހަވާލު ކުރަންޖެހޭ ކަމަށް ޒައިދު ވިދާޅުވިއެވެ.

"ހަށިގަނޑަށް އިތުރު ގެއްލުން ނުދީ މިޙާލަތުގައި ޢާއިލާއާ ހަށިގަނޑު ޙަވާލުކުރުމަކީ މައްޔިތާއަށްވެސް އެންމެ ފައިދާހުރި ގޮތް." ޝައިޚް ޒައިދު ވިދާޅުވިއެވެ.

ޝައިޚް ޒައިދު އިތުރަށް ވިދާޅުވީ، ފުލުހުން އަނިޔާ ނުކުރާކަމަށް އެތައް ބަޔަކު ހެކިދޭއިރު، އަދި ޢަބްދުالله ރަޝީދު ނިޔާވެފައިވަނީ ޤުދުރަތީ މަރަކުން ކަމަށް އާއިލާއިންވެސް ބުނާއިރު، ޕޯސްޓްމޯޓަމް ދެން ހަދަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މި ޙާދިސާގައި ފުލުހުން އިހުމާލުވެފައިވާ ކަމަށާއި, އެހެންނަމަވެސް މަރުވި ސަބަބު ސާފުކޮށް އެނގެން އޮއްވައި މައްޔިތާ ކޮށަން ނުޖެހޭނެ ކަމަށް ޝައިޚް ޒައިދު ވިދާޅުވިއެވެ.

ޢަބްދުﷲ ރަޝީދު ނިޔާވީ، ފުލުހުން އޭނާ ހައްޔަރު ކޮށްގެން ގެންގޮސް ލޯންޗެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ. އަދި އޭނާ ހައްޔަރު ކޮށްގެން ގެންދިޔައިރު ވެސް އޭނާގެ މެޔަށް ތަދުވާކަމަށް ބުނަމުން ދިޔަކަމަށާއި އެހެންނަމަވެސް، އެކަމަށް ފުލުހުން އެއްވެސް ވަރަކަށް ސަމާލުކަން ދީފައި ނުވާކަމަށް ޢާއިލާއިން ތުހުމަތުކުރެއެވެ.

ޢަބްދުالله ރަޝީދުގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާނެކަމަށް ސަރުކާރުންވެސް ވަނީ ބުނެފައެވެ. އެގޮތުން މަރުގެ މިމައްސަލަ ތަޙުޤީޤުކުރަމުންދަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު