ޓެކްސް ނިޒާމުގެ ޙަޤީޤީ މަންފާ އާއި ފޮނިމީރުކަން މިސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ބައެއް ޓެކްސްތައް ބޮޑުކުރުމަށް ކުރާ މަސައްކަތާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ސައުދު މިއަދު ވިދާޅުވީ، ސަރުކާރުން ދަނީ ޓެކްސް ފައިސާއިން ރައްޔިތުންނަށް ބޭނުންވާ އެންމެހާ ކަންތައްތައް ފުއްދައިދެމުން ކަމަށެވެ.

އެރޮނގުން މިސާލު ދައްކަވަމުން ސަޢުދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ފޮނިމީރުކަން ލިބެނީ ރައްޔިތުންނަށް ކަމަށެވެ. ހަމައެއާއެކު ރައްޔިތުންގެ އަސާސީ އެތައް މުހުތާދުތަކަކަށް މި ސަރުކާރުން ޙައްލު ހޯއްދައިދެއްވަމުން ގެންދަވާކަމަށް ސަޢުދު ވިދާޅުވިއެވެ.

ސަޢުދު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދީގެން ޓެކްސް ނިޒާމުގެ ޙަޤީޤީ މަންފާ އާއި ފޮނިމީރުކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.

ޓެކްސް ރޭޓުތައް ބޮޑުކުރުމަށް ދަޢުލަތުގެ މާލީ އިދާރާއިން މަޖިލީހަށް ހުށަހެޅި އިސްލާޙުގައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް އިސްލާޙުގައިވެއެވެ.

ދާދިފަހުން ވޯލްޑު ބޭންކުން ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ވަނީ ސަރުކާރުގެ މިނިންމުމަށް ތާއީދުކޮށްފައެވެ



ކިޔުންތެރިންގެ ހިޔާލު