ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލިހަށް ޙިއްސާކޮށް ދެއްވުމަށް މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ބައެއް މެންބަރުން ވަނީ ރާއްޖެ އާއި ޗާގޮސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅިގެން ރައީސް ޞާލިޙް މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް ޙިއްސާކުރުމަކީ އެންމެ މަޞްލަޙަތު ރަނގަޅުގޮތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން 241 ކޮމިޓީއަށް އެ ސިޓީފުޅު ޙިއްސާ ކުރުމަށް އެމްޑީޕީގެ ބައެއް މެންބަރުން އެދިވަޑައިގެންނެވިއެވެ.

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު މިއަދު މަޖިލީހުގައި ވިދާޅުވީ 2019 ގައި އދ މަޖިލީހުގައި ރާއްޖެއިން އިސްތިއުމާރާ ދެކޮޅު ސިޔާސަތާ ދެކޮޅަށް ވޯޓު ދީފައިވާ ކަމަށެވެ. ނަމަވެސް ރައީސްގެ ސިޓީފުޅަކަށްފަހު ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވާކަމަށް މީޑިއާގެ ސުރުޚީތަކުން ފެންނަ ކަމަށާއި އެހެންކަމުން އެސިޓީފުޅު މަޖިލީހުގެ 241 ކޮމިޓީއަށް ޙިއްސާކޮށްދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

ހަމައެމޭރުމުން ވާހަކަ ދައްކަވަމުން ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފްވެސް ވިދާޅުވީ، ބައިނަލްއަގުވާމީ ކޯޓުތަކުން ރާއްޖޭގެ ޙައްޤެއް ގެއްލޭގޮތަށް ޙުކުމެއް ކޮށްފިނަމަ އެކަން މަޖިލީހަށް ސާފުވާން ޖެހޭނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއްގައި ރައީސް އަމިއްލަފުޅަށް ގޮތް ނިންމަވާނަމަ އެކަމުގައި ސުވާލު އުފައްދާނެ ޖާގަ އޮންނާނެކަމަށް އަފީފް ވިދާޅުވިއެވެ.

"އެކަން ކޮށްފައި އޮތީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ވިއްޔާ އެ ފޮނުވި ސިޓީ މި މަޖިލީހާ ހިއްސާ ކޮށްދެއްވާ،" އަފީފް ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، ޗާގޯސް މައްސަލާގައި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއެއް އެކުލެވޭ ކޮމިޓީއަކުން ތަޖުރިބާކާރުންނާ ވާހަކަ ދައްކައި ބޮޑު ދިރާސާއެއް ކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސް މޮރިޝަސް އަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް ޙިއްސާކުރެއްވުމަށް އިލްޔާސްވެސް އެދިވަޑައިގެންނެވި އެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވީ، ޗާގޮސްއަކީ ރާއްޖޭގެ ބައެއް ކަމަށާއި އެތަނަށް ރާއްޖޭގެ ސިޔާދަތު ހިނގަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގައި މިހާތަނަށް އައިއިރު ސަރުކާރުތަކުން އިހުމާލުވެފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެ ކަމަށް ސަރުކާރުން ނިންމާ، އެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުކުރީ ގާނޫނީ އިމުގެ ތެރެއިންތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައެޅީ މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

ޗާގޯސް މައްސަލައިގައި އިދިކޮޅުގެ ފިކުރާ އެއްގޮތަށް އެމްޑީޕީގެ ބައެއް މެންބަރުން މިއަދު ވާހަކަދެއްކެވިއިރު އޭގެތެރޭގައި ހިމެނެނީ ރައީސް ނަޝީދަށް ތާއީދުކުރާ އަދި ސަރުކާރާއި ދެކޮޅު ފިކުރުގައި މިހާރު މަސައްކަތް ކުރަށްވާ އެމްޑީޕީގެ މެންބަރުންކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު