ކޯވިޑް-19 އާއި ގުޅިގެން ޖިމް ތަކާއި ފިޓްނަސް ސެންޓަރުތައް ވަނީ ބަންދުކޮށްފަ
ކޯވިޑް-19 އާއި ގުޅިގެން ޖިމް ތަކާއި ފިޓްނަސް ސެންޓަރުތައް ވަނީ ބަންދުކޮށްފަ
ފުރަބަންދަށް ދިން ލުއިތަކާއެކު، ޖިމް އަދި ފިޓްނަސް ސެންޓަރުތަކުގައި، ޢަމަލުކުރަންވީ ގޮތުގެ އުސޫލު އެޗްޕީއޭ އިން ޢާންމުކޮށްފިއެވެ.

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ޖިމް އަދި ފިޓްނަސް ސެންޓަރުތަކަށް އެއް ވަގުތެއްގައި ދާ މީހުންގެ އަދަދު ކަނޑައަޅައި ޝެޑިއުލް އެކުލަވައިލަން ޖެހެއެވެ. މީގެ އިތުރުން، ކުރިއަށް އެޕޮއިންޓްމަންޓް ހޯދައިގެން ޖިމާއި، ފިޓްނަސް ސެންޓަރު ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، އެޕޮއިންޓްމަންޓް ދިނުމުގައި، ކޯވިޑް-19 އިގެ އެއްވެސް އަލާމާތެއް ހުރިތޯ ސުވާލުކުރުމަށާއި، އަދި އެއްވެސް އަލާމާތެއް ހުރިކަމަށްވާނަމަ، އެ ތަންތަނަށް ނާންނަން އަންގަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި އެފަދަ ތަންތަނުގައި ހަރަކާތްތެރިވެ އުޅޭއިރު މަދުވެގެން 03 ފޫޓުގެ ގައިދުރުކަން ކަށަވަރު ކުރެވިފައި ހުންނަންވާނެ ކަމަށާއި، އެޕޮއިންޓްމަންޓް ލިބިފައިވާ ގަޑީގެ 05 މިނެޓު ކުރިން ދިއުމާއި، ސެޝަންތައް ފަށާގަޑީގައާއި، ނިމޭގަޑިތަކުގައި މީހުންނަށް ބައްދަލުނުވެ އުޅެވޭފަދަ ގޮތަކަށް، ގަޑިތަކުގެ އިންތިޒާމު ހަމަޖެއްސުމަށް ވެސް، އުސޫލުގައިވެއެވެ.

މީގެ އިތުރުން ޖިމަށް ވަންނަ ވަގުތުގައާއި، ނުކުންނަ ވަގުތުގައި ވެސް، ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ދެ މީހުންގެ ދެމެދުގައި މަދުވެގެން 03 ފޫޓު ގެ ދުރުމިނެއް ހުންނަގޮތަށް ކިޔުއެއްގައި ތިބެގެން، ވަދެ ނުކުމެވޭނެގޮތް ހަމަޖައްސަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ހަމައެއާއުކު، ޖިމާއި، ފިޓްނަސް ސެންޓަރުތަކުގައި ބޭނުންކުރަން ގެންގުޅޭ އާލާތްތަކުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށްޓަކައި، އެ ކަމަށް ކަނޑައަޅާފައިވާ މުވައްޒަފަކު ހުރުމާއި ނުވަތަ އެކަން ކަށަވަރު ކުރެވޭނެ އިންތިޒާމެއް ތަނުގައި ހަމަޖައްސަން ޖެހޭނެކަމަށާއި، ކޯވިޑް-19 އިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި، އަމަލުތައް ބަހައްޓަންވީ ގޮތުގެ އިރުޝާދުތައް ޢިމާރާތުގެ ދޮރުކައިރީގައްޔާއި، އެތެރޭގައި ވެސް ފެންނާނެފަދަ ގޮތަކަށް ބަހައްޓަންވާނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އަދި ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ކޭޝްލެސް ޕޭމަންޓް ހެދުމަށާއި، ސައިބޯނި ލައިގެން އަތް ދޮވެވޭނެ ނުވަތަ ސެނަޓައިޒަރ ކުރެވޭނެ އިންތިޒާމު ހަމަޖައްސަންވާނެކަމަށާއި، މަދުވެގެން ތިން ފޫޓުގެ ދުރުމިނެއް ނުބެހެއްޓޭނަމަ ގުރޫޕް ކްލާސްތައް ކުރިއަށް ނުގެންދަންވެސް އަންގާފައިވެއެވެ. މީގެ އިތުރުން، އެ ފަދަ ތަންތަން ސާފުކޮށް، ޑިސްއިންފެކްޓް ކުރަންވާނެކަމަށް ވެސް އަންގާފައިވެއެވެ.

މީގެއިތުރުން ކާބޯތަކެތި ވިއްކާ ތަންތަން ޖިމްތެރޭގައި ހުރެގެންނުވާނެކަމަށާއި، ސްޓީމް ރޫމްފަދަ ތަންތަން މި ވަގުތު ބޭނުންކުރުމަކީ އެދެވިގެންވާކަމެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ޚިދުމަތް ލިބިގަތުމަށްދާ ފަރާތުން ގެންދާ ފެންފުޅި ރީފިލް ކުރެވޭނެ ގޮތަށް މެޝިނެއް ބެހެއްޓުން އެންމެ ރަނގަޅުކަމަށާއި، ފެން ބުއިމަށް ވަކިން ބޭނުންކޮށް އެއްލާލެވޭ ޑިސްޕޯސަބަލް ތަށި ވެސް ބޭނުން ކުރެވިދާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ޖިމް އަދި ފިޓްނަސް ސެންޓަރުތަކުގައި، ޢަމަލުކުރަންވީ ގޮތުގެ އުސޫލު އެޗްޕީއޭއިން ހާމަކޮށްފައިވީ ނަމަވެސް، މި ފަދަ ތަންތަން ހުޅުވުމުގެ ހުއްދަ އަދި ދީފައެއްނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން