ވެލާނާ އެއަރޕޯރޓްގައި ބިދޭސީން ފުރުމުގެ ކުރިން އިމިގްރޭޝަންގައި؛ ބަލި މީހަކު ގޮވައިގެން ދަރުރު ކުރާނަމަ ފުރިހަމަ ކުރަންޖެހޭ ޚާއްޞަ ކަންްކަން ވަރަށް ގިނަ
ވެލާނާ އެއަރޕޯރޓްގައި ބިދޭސީން ފުރުމުގެ ކުރިން އިމިގްރޭޝަންގައި؛ ބަލި މީހަކު ގޮވައިގެން ދަރުރު ކުރާނަމަ ފުރިހަމަ ކުރަންޖެހޭ ޚާއްޞަ ކަންްކަން ވަރަށް ގިނަ
ކޯވިޑް-19 އާ ގުޅިގެން ބަލިމީހުން އުފުލާ އުޅަނދުތައް ދަތުރު ފެށުމުގެ ކުރިންނާއި، ދަތުރު ނިމުމުން ޑިސްއިންފެކްޓް ކުރުމަށް ކަނޑައަޅައި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމުގެ އުސޫލު ޢާއްމުކޮށްފިއެވެ.

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގަައި ވައިގެމަގުންނާއި ކަނޑުމަގުން ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި ޢަމަލުކުރުމަށް އެޗްޕީއޭ އިން އެކުލަވާލާފައިވާ އުސޫލުގައިވާގޮތުން ބަލިމީހާ އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންކުރާ އުޅަނދުތައް ސާފުކޮށް، ޑިސްއިންފެކްޓް ކުރަން ޖެހެއެވެ.

އެގޮތުން ކޮންމެ ދަތުރެއް ފެށުމުގެ ކުރިންނާއި، ދަތުރު ނިމުމުން އުޅަނދު ރަނގަޅަށް ސާފުކޮށް، އަތްގަނޑާއި، ހުންގާނުފަދަ ގިނައިން އަތްލެވޭ ތަންތަން ސާފުކޮށް ޑިސްއިންފެކްޓް ކުރުމަށް ވަނީ އަންގާފައެވެ. އަދި މަތިންދާބޯޓު ފަދަ އުޅަނދުތައް އަޔާޓާގެ އުސޫލުތަކާ އެއްގޮތަށް ސާފުކޮށް ޑިސްއިންފެކްޓް ކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން ހޮޑުފަދަ ހަށިގަނޑުގެ ދިޔައަކުން ތަނެއް ތަޣައްޔަރުވެއްޖެނަމަ ޑިޓާރޖެންޑް ފެން ފޮތިގަނޑަކުން ރަަނގަޅަށް ސާފުކުރުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދުދީފައެވެ. އެއަށްފަހު ބްލީޗް ސޮލިއުޝަން ނުވަތަ 70 އިންސައްތަ އަލްކަހޯލް އެކުލެވޭ ސެނިޓައިޒަރެއް ބޭނުންކޮށްގެން ރަނގަޅަށް ސާފުކުރުމަށާއި، އުޅަނދު ސާފުކުރާއިރު ދޮރު ހުޅުވާފައި ބެހެއްޓުމަށާއި، އުޅަނދު ސާފުކުރާ މީހުން އަންގިލައްވައި، މާސްކް އަޅައިގެން ތިބުމަށްވެސް އެޗްޕީއޭ ގެ އުސޫލުގައި ވަނީ އަންގަވާފައެވެ.

މިފަދަ އުސޫލެއް އެކުލަވާލުމުގެ އެންމެ މުހިއްމު މަޤްޞަދަކީ މެޑިކަލް އިމަރޖެންސީއެއް ދިމާވާ ޙާލަތުގައި ވައިގެ މަގުންނާއި ކަނޑުމަގުން އެއްރަށުން އަނެއް ރަށަށް ބަލި މީހާ ގެންދިޔުމަށްޓަކައި ޢަމަލުކުރާނެގޮތް ބަޔާންކުރުން ކަމަށާއި، އެގޮތުން ބަލި މީހާ އެއްތަނުން އަނެއްތަނަށް އުފުލުމުގައި ފުރިހަމަ ކުރަންޖެހޭ އާއްމު ޝަރުތުތަކާއި، ސީޕްލޭން، މަތިންދާ ބޯޓު އަދި ކަނޑު އުޅަނދު ފަހަރުގައި ހުންނަންޖެހޭނެ ޝަރުތުތަކާއި، ބަލިމީހާ އުފުލާ އުޅަނދުފަހަރު ސާފުކޮށް ޑިސްއިންފެކްޓްކުރުމުގައި ޢަމަލުކުރަންވީގޮތް ވަކިވަކިން މި އުސޫލުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ވައިގެމަގުން ދަތުރުރާ އުޅަނދެއްނަމަ ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތީކަންކަން ފުރިހަމަކޮށްފައި ހުރުމާއި، ކަނޑުމަގުން ދަތުރުކުރާ އުޅަނދެއްނަމަ ޓްރާންސްޕޯޓް އޮތޯރިޓީގެ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތީކަންކަން ފުރިހަމަކޮށްފައި ހުރުމަށް ވަނީ އަންގަވާފައެވެ.

ދަތުރުވެރިންނަށް ފެން ނުވަތަ ކާބޯތަކެތި ފޯރުކޮށްދޭނަމަ ދަތުރުވެރިން އުޅަނދަށް އެރުމުގެ ކުރިން ސީޓް ކުރިމަތީ ޕޮކެޓުގައި ނުވަތަ ސީޓްމަތީގައި އެތަކެތި ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށާއި، އަދި ދަތުރުގެ ސަލާމަތީ ކަންކަމާގުޅޭ މަޢުލޫމާތު ކަރުދާސް ލެމިނޭޓްކޮށްފައި ބެހެއްޓުމަށާއި، ކޮންމެ ދަތުރަކަށްފަހު އެތަކެތި ސެނިޓައިޒް ކުރުމަކީ އެދެވިގެންވާ ކަމެއްކަމަށް ވަނީ ކަނޑައަޅުއްވައިފައެވެ.

މީގެ އިތުރުން ބަލިމީހާގެ އެހީތެރިޔާއާއި ސިއްޙީ ހިދުމަތްތެރިޔާއާއި، ބަލިމީހާވެސް މާސްކު އެޅޭ ޙާލަތުގައި ތިބިނަމަ ސަރޖިކަލް މާސްކް އަޅަންޖެހޭނެ ކަމަށާއި، އުޅަނދަށް އަރައިފައިބާއިރު އަތްދޮވެވޭނެ އިންތިޒާމް ހަމަޖެއްސުން ނުވަތަ އުޅަނދުގައި ސެނިޓައިޒަރ ބަހައްޓަން ޖެހޭނެ ކަމަށް އަންގަވާފައި ވެއެވެ.

ސީޕްލޭނެއްނަމަ ބަލިމީހާއާއި އޭނާގެ އެހީތެރިޔާއާއި އަދި އޭނާއާއެކު ދަތުރުކުރާ ސިއްހީ ހިދުމަތްތެރިޔާގެ އިތުރުން އެހެން އެއްވެސް މީހަކަށް ދަތުރެއް ނުކުރެވޭނެ ކަމަށާއި، ބަލި މީހާ ބައިންދަން ވާނީ ނުވަތަ ބާއްވަންވާނީ ފަހަތު ސީޓުތަކުގައި ކަމަށް ހިމަނުއްވާފައި ވެއެވެ.

މަތިންދާބޯޓެއްނަމަ ބަލިމީހާއާއި އެހީތެރިޔާއާއި އަދި އޭނާއާއެކު ދަތުރުކުރާ ސިއްހީ ހިދުމަތްތެރިޔާގެ އިތުރުން އެހެން ދަތުރުވެރިން ދަތުރުކުރާނަމަ ބަލިމީހާ ބައިންދަންވާނީ ނުވަތަ ބާއްވަންވާނީ ބޯޓުގެ ފަަހަތު ސީޓުތަކުގައިކަމަށާއި، ބަލިމީހާ އިންނަ ސީޓު ނުވަތަ އޮންނަ ސަރަޙައްދުގެ ވަށައިގެން ކޮންމެ ފަރާތަކުން ދެ ސީޓް ވާގޮތަށް އެއްވެސް ދަތުރުވެރިޔަކު ނާރުވާ ހުސްކޮށް ބެހެއްޓުމަށާއި، ބަލި މީހާއާއި އެހެން މީހުން ތިބޭ ސީޓާ ދެމެދު 6 ފޫޓުގެ ދުރުމިން ބަހައްޓަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވެއެވެ.

މިފަދަ ދަތުރުތަކުގައި ބަލިމީހާ ފިޔަވައި އެހެން މީހުން ދަތުރަށް އަރާނަމަ، ދަތުރުވެރިން ބޯޓަށް އަރުވަންވާނީ ބަލިމީހާއާއި، އެހީތެރިޔާއާއި، އެކީގައި ދަތުރުކުރާ ސިއްހީ ހިދުމަތްތެރިޔާއަށްވުރެ ކުރިން ކަމަށާއި، އަދި ބަލިމީހާއާއި، އެހީތެރިޔާއާއި، އެކީގައި ދަތުރުކުރާ ސިއްހީ ހިދުމަތްތެރިޔާ ދަތުރުވެރިންނަށްވުރެ ކުރިން ބޭލުވުމަށާއި، އަތް ޑިސްއިންފެންކްޓް ކުރުމަށްޓަކާ ބޯޓުގައި ސެނިޓައިޒަރ ބަހައްޓަންޖެހޭނެ ކަމަށް ވަނީ ހިމަނާފައެވެ.

ބަލިމީހާ އުފުލަނީ ކަނޑު އުޅަނދެއްގައިނަމަ، އެ އުޅަނދެއް ހުންނަންވާނީ ވައި ދައުރުވާ ގޮތަށް ކަމަށާއި، ބަލިމީހާއާއި، އެކީގައި ދަތުރުކުރާ އެހީތެރިޔާއާއި ސިއްހީ ހިދުމަތްތެރިޔާ ތިބެންވާނީ އުޅަނދުގެ ފަހަތު ސީޓުގައިކަމަށާއި، ބަލިމީހާ އިންނަ ސީޓު ނުވަތަ އޮންނަ ސީޓު ވަށައިގެން ކޮންމެ ފަރާތަކުން 2 ސީޓުވާގޮތަށް އެއްވެސް ދަތުރުވެރިޔަކު ނާރުވާ ހުސްކޮށް ބަހައްޓަންޖެހޭނެ ކަމަށް އެ އުސޫލުގައި ވެއެވެ.

ބަލިމީހާ ގޮވައިގެން ދަތުރުކުރާ ކަނޑުއުޅަނދުގައި ތިބޭ އެންމެންވެސް މާސްކް އެޅުމަށް އަންގަވާފައި ވާއިރު، ބަލިމީހާއާއި އެހީތެރިޔާއާއި، ސިއްހީ ހިދުމަތްތެރިޔާ އަށްވުރެ ކުރިން އެހެން ދަތުރުވެރިން އުޅަނދަށް އަރުވަންޖެހޭނެ ކަމަށާއި، މީގެ އިތުރުން ބަލިމީހާއާއި އެހީތެރިޔާއާއި، ސިއްހީ ހިދުމަތްތެރިޔާ ދަތުރުވެރިންނަށްވުރެ ކުރިން ބާލުވަންޖެހޭނެކަމަށްވެސް މި އުސޫލުގައި ވަނީ ބުނެފައެވެ.

ރާއްޖެ ނިއު ނޯމަލްއަކަށް ތައްޔާރުވެ އާއްމުކޮށް ހުޅުވާލުމަށް ތައްޔާރުވަމުން އަންނައިރު ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން މިހާރު ވަނީ ނިމުމަކަށް ގެނެސްފައެވެ. އެހެން ނަމަވެސް އަދިވެސް މާލެއިން ރަށްރަށަށް ދާން ބޭނުންވާ ފަރާތްތަކުން 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަން ޖެހޭ ގޮތަށް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން