ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ އޭރިއަލް ފޮޓޯއެއް
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ އޭރިއަލް ފޮޓޯއެއް
މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުރި ވެހިކަލްތައް މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޕާރކް ކޮށްފައި ހުރި ހުރިހާ ވެހިކަލްތަކެއް 18 ޖޫން 2020 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގާފައި ވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފިނަމަ އެކައުންސިލްގެ ފަރާތުން ފުލުހުން މެދުވެރިކޮށް ވެހިކަލްތައް ނަގާނެކަމަށާއި، އަދި އެތަކެތި ނެގުމުގައި ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ ކައުންސިލުން ނުނަގާނެ ކަމަށްވެސް ސިޓީ ކައުންސިލްގެ އިޢުލާނުގައިވެއެވެ.

މީގެ ކުރިން ސިޓީ ކައުންސިލުން ބުނެފައިވަނީ، ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އިންޑަސްޓްރިއަލް ޒޯނުގެ މަގުތައް ސިޓީ ކައުންސިލާއި ޙަވާލުކޮށްފައިވާތީ، އެތަން ސާފުކުރުމުގެ މަސައްކަތް ވެމްކޯއާއި ގުޅިގެން ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި އެތަނުގެ ޙާލަތު ދެނެގަތުމަށް ސިޓީ ކައުންސިލުން ޚާއްސަ ސަރވޭއެއް ކޮށްފައިވާއިރު، އެ ސަރަޙައްދުގައި މިވަގުތުވެސް 449 ވެހިކަލް ޕާކްކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ ތެރޭގައި ކުނި އަޅާފައިހުރި 46 ޕިކަޕަކާއި، ގިނަ އަދަދެއްގެ ކާރާއި ޕިކަޕު ހިމެނޭކަމަށާއި، އަދި އިންޑަސްޓްރިއަލް ޒޯނަށް އެކި ފަރާތްތަކުން އަޅާފައިވާ ކުނިތައް ނަގާ އެ ސަރަޙައްދު ސާފުކުރެވެން އޮތީ، ވެހިކަލްތައް ނަގާ ތަން ހުސްކޮށްގެން ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލްގެ އިޢުލާނުގައި އެސަރަޙައްދުގައި ހުރި އިންޖީނު ނެތް ވެހިކަލްތައްވެސް މި މުއްދަތުގެ ތެރޭގައި ނުނަގައިފިނަމަ އުކާލެވޭނެކަމަށް އަންގާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން