ދަޢުލަތުގެ ހުރިހާ ދިމާލަކުންވެސް މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ގޮވާލައްވައިފިއެވެ.

ޣަފޫރު މިމޭރުމުން ގޮވާލެއްވީ، 2023 ވަނަ އަހަރަށް ދަޢުލަތުގެ ބަޖެޓަށް ބަހުސްކުރަށްވަމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޣަފޫރު ވިދާޅުވީ ސަރުކާރުން ރަށްރަށުގެ ޢުމްރާނީ ތަރައްޤީއާއި އެއްވަރަށް އިޖްތިމާޢީ ތަރައްޤީއާއި މީހުން ބިނާކުރުމަށްވެސް ބޮޑެތި ހޭދަތަކެއް ކުރަމުން ގެންދާކަމަށެވެ.

އެގޮތުން ތަޢުލީމީ ދާއިރާގެ މުސާރަތައް މިހާރު ބޮޑުކޮށްފައިވާ ކަމަށް ޣަފޫރު ވިދާޅުވިއެވެ. ހަމައެއާއެކު ތަޢުލީމީ ޒުވާންޖީލަކާއެކުގައި ނޫނީ އިތުރަށް ރާއްޖޭގެ މުސްތަޤުބަލް ބިނާނުކުރެވޭނެކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.

އޭގެ އިތުރުން ސިއްޙީ ދާއިރާގެ މުސާރަތައް ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރަށްވަމުން ޣަފޫރު ވިދާޅުވީ މުޅި ދަޢުލަތުގެ ހުރިހާ ދިމާލަކުންވެސް މުސާރަތައް ބޮޑުކުރަން ޖެހިފައިވާ ކަމަށެވެ.

“އަޅުގަނޑުމެން ޤަބޫލުކުރަން އެބޭފުޅުންނަށް އެލިބޭ މުސާރައަކީ ޢާއިލާއާއެކު ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭވަރުގެ މުސާރައެއްނޫންކަން.” ޣަފޫރު މިއަދު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ މި ސަރުކާރުގައި ނޫނީ އަތޮޅުތެރޭގައި ފްލެޓްތައް އަޅަމުންގެންދާ ކަމަށާއި ރަށްރަށުގެ ރައްޔިތުން ޕްލާންޓް ފެނުން ފެންވަރަމުންގެންދާ ކަމަށެވެ. އަދި މިއީ މިބަޖެޓަށް ތާޢީދުކޮށް ވޯޓުދޭންޖެހޭ ސަބަބުތައް ކަމަށްވެސް ޣަފޫރު މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު