އިބްރާހިމް ފަހީމް   8 ނޮވެމްބަރު 2022 - 23:43
ސުލޫކީ ފިޔަވަޅުއަޅައި އެމްޑީޕީން ވަކިކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ވެސް ކުރެއްވި މޫސަ މަނިކު އެޕާޓީން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަކިކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެ ޕާޓީގެ ތުރީ ލައިން ވިޕާ ހިލާފުވެ ވަޑައިގަތްކަމަށް ބުނާ މައްސަލައިގައެވެ.

ރީކޯ މޫސަ އެމްޑީޕީއަށް އަލުން ސޮއި ކުރެއްވީ ރިޔާސީގަނޑުވަރު މުލީއާގޭގައި މިއަދު ބޭއްވި ރަސްމިއްްޔާތެއްގައެެވެ. ރީކޯ މޫސަ އެމްޑީޕީއަށް ސޮއި ކުރައްވަން ބޭއްވި ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރީކޯ މޫސަ އެމްޑީޕީ އަށް ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގަތީ އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެވެ.

ރީކޯ މޫސަ އެމްޑީޕީއަށް ސޮއި ކުރައްވަން ބޭއްވި ހަފްލާގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީއާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

2016 ގައި އެމްޑީޕީން ވަކިކުރުމުން މޫސަ ވަނީ 2017 ވަނަ އަހަރު ރައީސް ޔާމިންގެ ވެރިކަމުގައި ޕީޕީއެމާއި ވެސް ގުޅިވަޑައިގެންފައެވެ. އަދި 2018 ގައި ރައީސް ޔާމިނަށް ވެރިކަން ހޯދައިދިނުމަށް ވެސް މޫސަ ވަނީ މަސައްކަތް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


12

މުޖުތާޒު

09-Nov-2022

ޢަދިކިރިޔާ ހަމަޔަކަށް އެޅެނީ މަރިޔަން ނިޝާޔާ މޫސަޔާވީމަ ހަމަޔަކަށްއެޅޭނީ