ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ކުރިން ވަނީ އަދީބުގެ ދިފާޢީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި (ފޮޓޯ ސޯޝަލް މީޑިއާ)
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ކުރިން ވަނީ އަދީބުގެ ދިފާޢީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި (ފޮޓޯ ސޯޝަލް މީޑިއާ)
އެމްއެމްޕީއާރުސީ ޚިޔާނާތުގައި ހިމެނޭ މި ސަރުކާރުގެ ވެރިންގެ މައްސަލަތައް ނުބެލުމަށް ނިންމައިފިކަމަށް ބުނެ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ފަތުރަމުންދާ ޚަބަރަށް ޕީޖީ ޝަމީމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް މިރޭ ކުރަށްވާފައިވާ ޓްވީޓެއްގައި ވަނީ، އެޚަބަރު ޙިއްސާ ކުރަށްވަމުން، އަލް ޙުޖުރާތު ސޫރަތުގެ 6 ވަނަ އާޔަތް ހިއްސާ ކުރަށްވައި، ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ އެކަމުގެ ތެދުދޮގު ބެލުމަށް ނަސޭޙަތްތެރި ވެފައެވެ.

ޕީޖީ ޝަމީމް ޙިއްސާ ކުރަށްވާފައިވާ، މުސްލިމުންގެ ދުސްތޫރު، ކީރިތި ޤުރުއާނުގެ އަލްޙުޖުރާތު ސޫރަތުގެ 6 ވަނަ އާޔަތުގެ މާނައިގައި ވަނީ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ."

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރަކާއި ޙަވާލާދީ ކަމަށް ބުނެ ރާއްޖޭގެ އޮންލައިން މީޑިއާ އެއްގައި ވަނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ހިމެނޭ މިއަދުގެ ސަރުކާރަށާއި ވެރިކަން ކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މައްސަލަތައް ނުބަލަން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އަންގަވާފައިވާ ކަމަށެވެ.

އޮންލައިން ނޫހެއްގައި ޝާއިޢު ކޮށްފައިވާ އެ ޚަބަރާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ޕީޖީ ޝަމީމަށް އަމާޒު ވެފައިވަނިކޮށް، ޕީޖީ ޝަމީމް މިވަނީ އެކަން ދޮގުކުރަށްވާފައެވެ.

ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ފުޅު ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީ ކްލަސްޓާގައި ސިޔާސީ ބައެއް ވެރިން ހިމެނޭ ކަމަށާއި، އޭގެތެރޭގައި ރައީސް ޔާމީނުގެ ސަރުކާރުގެ ވަޒީރުންނާއި، މި ސަރުކާރުގެ ވަޒީރުންނާއި، އޭރާއި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ކަމަށެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅިގެން ތަފާތު އެކި ބޭފުޅުން އެކި ކަންކަމުގައި މުއާމަލާތް ކުރައްވާފައިވާ ކަމަށާއި، އޭގެތެރޭގައި ހެޔޮ ނިޔަތުގައި މުއާމަލާތް ކޮށްފައިވާ ފަރާތްތަކަށް ދައުވާ ނުކުރައްވާނެ ކަމަށް އުސްތާޛު ޝަމީމް ވިދާޅުވިއެވެ. ނަމަވެސް ނުބައި ނިޔަތެއް އޮވެގެން މުއާމަލާތް ކޮށްފައިވާ އެއްވެސް މީހަކު ދޫކޮށްލުމުގެ ވިސްނުމެއް ނެތްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝަމީމް މިހެން ވިދާޅުވެފައިވާއިރު، އެ ވިދާޅުވާ ހެޔޮ ނިޔަތާއި، ނުރަނގަޅު ނިޔަތަކީ ކޮބައިކަން ސާފުކޮށްދީފައެއް ނުވެއެވެ. ޕީޖީގެ މި އިބާރާތާއި މެދު ސުވާލު އުފައްދާ ބައެއް މީހުން ވަނީ ޕީޖީ މިއަދު ސިފަކުރައްވާ ރަނގަޅު މީހުންނަކީ ޕީޖީ ޝަމީމު ފަދަ އަދީބުގެ ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރެއްވި ގާނޫނީ ވަކީލުންތޯ ސުވާލު ކޮށްފައެވެ.

މިހާރުގެ ޕީޖީ ޝަމީމަކީ ރައީސް ޔާމިން އަވަހާރަކޮށްލަން އެމަނިކުފާނު ދަތުރު ކުރެއްވި ލޯންވުކޮޅު ގޮއްވާލި ކަމަށް ބުނާ މައްސަލައިގައި އަދީބުގެ ދިފާޢީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޢަބްދުﷲ

21-Jun-2020

މީހަކު ފާސިގަކަށް ވާ ގޮތް ވެސް ނޭގެންޏާ އެނގޭ މީހެއް ގާތު އަހާލުން ބުއްދިވެރި.


-2

ޢަމިއްލަމީހާ

21-Jun-2020

ޙެޔޮނިޔަތާ ނުބައިނިޔަތް ސަމީމްބަލަނީ ހިތްފަޅައިގެންބާ


6

ސޫދު ބެ

21-Jun-2020

އެއީ "ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ" ޚަބަރު ދިނީ ރަގަޅު މީހެއްނަމަ ވެސް ތިބޭފުޅާ ބުނީ ނީ މިހެން ތޯ..? މީހަކު ފާސިގަކަށް ވަނީ އޭނާ ދައްކާވާހަކަ އާންމުކޮށް ދޮގު ކަމަށް ސާބިތުވާ ފަހަރު ގިނަވުމުން.. ނުތަ ކޯޓަކުން އެކަން ކަނޑައެޅުމުން.. މިސާލަކަށް އެލެކްސް އަކީ އަބަދު ވެސް ބަހެއް ބުނެފިނަމަ ދޮގެއް ހަދާ މީހެއް.. ހިނިއައިސްފަ ތިބެ އައްޖެހިޔަސް އަހަރުމެން އޭނާ ދައްކާވާހަކަގަބޫލެއް ނުކުރާނަން.. ޝަހީމުވެސް އޭނާގެ ވާހަކަ ވެއްޖެއްޔާ ތެދު ދޮގުޔަޤީންކުރާތި..!



ޓްރެންޑިން