ސިނާއީ މަސައްކަތްތައް ކުރާތަންތަން އާންމުން ދިރިއުޅޭ ހިސާބާ ދުރަށް ގެންދިއުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދު ގޮވާލައްވައިފިއެވެ.

ރޭ މާލޭގެ ވެހިކަލް ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވުމާ ގުޅިގެން އެކަމާ ހިތާމަ ފާޅުކުރަށްވަމުން ސިޔާމް ވިދާޅުވީ ސިނާއީ މަސައްކަތްކުރާ ތަންތަން މީހުން ދިރިއުޅޭ ސަރަޙައްދުތަކާދުރު ހިސާބުތަކަށް ބަދަލު ކުރަންޖެހޭ ކަމަށެވެ.

“ވީހާވެސް އަވަހަކަށް ސިނާއީ މަސައްކަތްތައް ކުރާތަންތަން އާންމުން ދިރުއުޅޭ ހިސާބާ ދުރުކުރުމަށް ސަރުކާރަށް ގޮވާލަން.” ސިޔާމް ވިދާޅުވެފައިވެއެވެ.

މާލޭގައި ހުރި ގުދަންތަކާއި ގަރާޖުތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރަން މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު މީގެ ކުރިންވަނީ ވިދާޅުވެފައެވެ. ނަމަވެސް ސިޓީ ކައުންސިލްގެ އެ މަސައްކަތް ސަރުކާރުން ހުއްޓުވީ އެކަމަށް ޚާއްސަކޮށް ތިލަފުށިން ބިން ދޫކުރާނެ ކަމަށް ބުނުމަށްފަހުއެވެ.

މާލޭގައި ހުރި ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ، މީގެ ތިން އަހަރު ކުރިން ހެންވޭރު އަބަދަށްހިޔާ މަގުގައި ހުރި ކެމިކަލް ގުދަނުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށް ފަހު އަމާޒުވި ފާޑުކިއުންތަކަށް ފަހުގަ އެވެ.



ކިޔުންތެރިންގެ ހިޔާލު


-5

މުހައްމަދު

11-Nov-2022

ކޮންމެފަހަރަކު ސީރިއަސް ކަމެއްވީމާ ހޭލެވިފަ އަނެއްކާ ނިދެނީ.