މާންދޫން މަސްވެރިންނަށް ފައިސާ ނުދޭތީ އެމްޑީޕީން މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ އެމްޑީޕީގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ވިސާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވަނީ ހޮރައިޒަނުން ހިންގަމުން އަންނަ މާންދޫ މަސް ފެކްޓަރީއަކީ ތ. އަތޮޅާއި ލ. އަތޮޅުގެ މަސްވެރިންނަށް ނުހަނު ބޭނުންތެރި ތަނަކަށް ވީއިރު، މިހާތަނަށްވެސް މަސްވެރިންގެ ޝަކުވާތަކަށް އެއްވެސް ހައްލެއް ހޯދުމަށް އެކުންފުނިން މަސައްކަތްކޮށްފައި ނުވާކަމަށެވެ. އެގޮތުން 26 ދޯންޏަކުން ކިރާފައިވާ މަހަށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވާކަމަށް މައްސަލާގައިވެއެވެ.

އޭގެ އިތުރުން މާންދޫން މަސް ގަންނަމުން އަންނަނީ މިފްކޯއާ އެއް އަގެއްގައެއް ނޫނަ ކަމަށާއި މަސްވެރިންނަށް ތެޔޮ ލިބުމުގައި ވެސް ދަތިތަކެއް ހުރިކަމަށް މައްސަލަ ހުށައަޅުއްވަމުން ވިސާމް ވިދާޅުވިއެވެ.

ކުއްލި މައްސަލާގައިވަނީ މަސްވެރިންނަށް ދިމާވެފައިވާ މި ހާލަތުން އަރައިގަތުމަށްޓަކައި ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

ހޮރައިޒަން ފިޝަރީޒުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން ކަމަށްބުނެ ލ. މާންދޫގައި ކުރަމުން އަންނަ އިޙްތިޖާޖްގައި ގިނަ ޢަދަދެއްގެ މަސްވެރިން ދަނީ ބައިވެރިވަމުންނެވެ. މާންދޫގައި އިޙްތިޖާޖް ކުރަމުން އަންނަ މީހުން ބުނެފައި ވަނީ އެ ފަރާތްތަކަށް ލިބެން ޖެހޭ 21 މިލިޔަން ރުފިޔާ ނުލިބިވާ ކަމަށެވެ.

މަސްވެރިންގެ އިޙްތިޖާޖާއި ގުޅިގެން ހޮރައިޒަން ފިޝަރީޒުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މާންދުއަށް ގަންނަ މަހަށް މަސްވެރިންނަށް ގަވައިދުން ފައިސާ ދިނުމަށް ވަރަށް ބޮޑު އިސްކަމެެއް ދޭކަމަށެވެ. އަދި މިއަދާ ހަމައަށް އެއްބަސްވެފައިވާ ކްރެޑިޓް މުއްދަތު ހަމަވެ އިތުރުވެފައިވާ އެއްވެސް ބިލެއް ނެތްކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އަދި މިހާރު ކުރިއަށްދާ އިހުތިޖާޖަކީ މައްސަލައިގެ ހަގީގަތް އޮޅުވާލުމަށް ހިންގާ ނާތަހުޒީބު އަމަލެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން