ކ. ކަނޑުއޮތްގިރި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 13 ނޮވެމްބަރ 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ކަނޑުއޮތްގިރިއަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ބެލުމުގެދަށުގައި އޮންނަ ރަށެކެވެ. އަދި މިރަށަކީ އެކުންފުނިން ބާޒާރަށް ނެރޭ އެކި އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުންކުރާ ރަށެކެވެ.

މި މަޝްރޫޢުގެ ދަށުން، 10,000 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 10,000 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 125 މީޓަރު އެއްގަމު ތޮއްޓަކާއި 265 މީޓަރުގެ ބޭރުތޮށި ލުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން 63 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

365 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މިމަސައްކަތަކީ 36.13 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކަނޑުއޮތްގިރީގައި މިހާރު ގާއިމް ކޮށްފައިވާ ފެސިލިޓީއަކީ ބޮޑު ކަންނެލި ޕްރޮސެސްކުރެވޭ ފެންވަރަށް ތަރައްޤީކުރެވިފައިވާ ފެސިލިޓީއެއްކަމުގައި ވީނަމަވެސް ކަނޑުއޮތްގިރީގެ ބަނދަރު ތިލަވެ އެއްގަމު ތޮށި ހަލާކުވެފައިވުމާއެކު، އޮޑިދޯނިފަހަރަށް މި ބަނދަރު ބޭނުންކުރުމާއި މި ފެސިލިޓީގެ ފުރިހަމަ ބޭނުންހިފުމަށް ވަނީ ދަތިކަމަކަށްވެފައެވެ.

މި ބަނދަރު ތަރައްޤީކޮށް ނިމުމާއެކު، މިފްކޯގެ އިތުރުން މަސްވެރިންގެ އޮޑިދޯނިފަހަރަށްވެސް މި ބަނދަރު ބޭނުންކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއްލިބި ރާއްޖޭގެ މަސްވެރިކަމުގު ސިނާއަތަށް ހެޔޮބަދަލެއް އަންނާނެކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން