ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށައެޅި ބިލު ފާސްކުރުމަށް އިދިކޮޅު ޕީޕީއެމްގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފް ވޯޓު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެކްސް ބޮޑުކުރުމަށް ފާސްކޮށްފައިވާއިރު އެކަމަށް ތާޢީދުކޮށް އިދިކޮޅު ކޯލިޝަންގެ މެންބަރުންގެ ތެރެއިން ވޯޓު ދެއްވާފައިވަނީ ޙުސެން އެކަންޏެވެ. އެމްޑީއޭގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އާމިރު ޖަލްސާގައި ޙާޟިރުވެ އިންނެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ޓެކްސް ބޮޑުކުރަން ޙުސެން ވޯޓު ދެއްވާފައިވާއިރު އިދިކޮޅު ޕީޕީއެމް މެމްބަރުން ވަނީ މި އިސްލާހާ ދެކޮޅަށް މަޖިލީހުގައި ވާހަކަ ދައްކާފައެވެ. ބިލާދެކޮޅަށް ޕީޕީއެމް ކޯލިޝަންގެ 7 މެންބަރުން ވަނީ ވޯޓުވެސް ދެއްވާފައެވެ. ޕީޕީއެމުން ބުނީ ޙުސެންގެ ފަރާތުން ފެނުނީ ދެރަ ޢަމަލެއް ކަމަށާއި އެކަން ބަލާނެކަމަށެވެ.

ބިލު ފާސްކުރުމާ ދެކޮޅަށް އެމްޑީޕީގެ 14 މެންބަރުން ވޯޓު ދެއްވާފައިވާއިރު އެހުރިހާ ބޭފުޅުންނަކީވެސް މަޖިލީހުގެ ތަޅުމުގައި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅުންނެވެ.

އެމްޑީޕީން މިއަދުގެ ބިލު ފާސްކުރުމަށް ތްރީ-ލައިން ގްރީން ވިޕެއް ނެރެފައިވާއިރު ބިލް ފާސްކުރުމާ ދެކޮޅަށް ވޯޓުދެއްވި މެންބަރުންނަށް ފިޔަވަޅުއަޅާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުން މިއަދު ޓެކްސް ބޮޑުކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެމްބަރުންގެ ތެރެއިން 55 މެމްބަރުން ވޯޓުންނެވެ. ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ޖުމުލަ 26 މެމްބަރުން ވޯޓު ދީފައިވެއެވެ.

ޓެކްސް ރޭޓުތައް ބޮޑުކުރުމަށް ދަޢުލަތުގެ މާލީ އިދާރާއިން މަޖިލީހަށް ހުށަހެޅި އިސްލާޙުގައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް އިސްލާޙުގައިވެއެވެ.

ދާދިފަހުން ވޯލްޑު ބޭންކުން ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ވަނީ ސަރުކާރުގެ މިނިންމުމަށް ތާއީދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު