ދުނިޔޭގެ އިޤްތިޞާދަށް އައި ލޮޅުންތަކާއެކު އިދިކޮޅު ފަރާތްތަކުން ހީކުރީ ސަރުކާރު ގެއަށް ވަންނާނެކަމަށް ކަމަށާއި ނަމަވެސް ރައީސް މާ ހިތްވަރުގަދަ ކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު ވިދާޅުވެއްޖެ އެވެ.

ވަޙީދުު މިހެން ވިދާޅުވީ 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ވަޙީދު ވިދާޅުވީ ކޯވިޑް-19 އާއި، ޔޫކްރޭން ހަނގުރާމައިގެ ސަބަބުން މި ސަރުކާރު ގެއަށް ވަންނާނެކަމަށް އިދިކޮޅު ފަރާތްތަކުން ޤަބޫލުކުރި ކަމަށެވެ.

ނަމަވެސް ފެނިގެންދަނީ ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަމަށް ކުރާ ހޭދަ އިތުރުކުރާ މަންޒަރު ކަމަށާއި އެކަމަކީ އިދިކޮޅު ފަރާތްތަކަށް ޙަޖަމް ކުރެއްވޭނެ ކަންކަމެއް ނޫންކަމަށް ވަޙީދު ވިދާޅުވިއެވެ. އަދި ބަޖެޓް ކޮމިޓީން ރިޕޯޓު އެކުލަވާލާފައިވަނީ މެންބަރުންގެ ހުށައެޅުންތަކަށް ރިޢާޔަތްކޮށްގެން ކަމަށް ވަޙީދު ވިދާޅުވިއެވެ.

“އެ ބޭފުޅުންނަށް ޤަބޫލު ކުރެވުނީ ކޯވިޑާއި، ޔޫކްރެކް ހަނގުރާމައާއިއެކުގައި މި ސަރުކާރު ގެއަށް ވަންނާނެކަމަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެއަށްވުރެ ހިތްވަރުގަދަ." ވަޙީދު ވިދާޅުވިއެވެ.

ވަޙީދު ވިދާޅުވީ ރައީސް ޞާލިޙް މިޤައުމު އަމާންކަމާއެކު ރައްޔިތުން އެދޭ މިސްރާބަށް ގެންގޮސްދެއްވާނެކަން ރައްޔިތުން މިހާރު ޤަބޫލުކުރާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް ރައްޔިތުން އެދޭފަދަ ސިޔާސަތެއް ހުށައެޅިފައި ނުވާކަމަށްވެސް ވަޙީދު މިއަދު ވިދާޅުވިއެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިމުނުއިރު ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކުރުމުން، ބަޖެޓްގެ ޖުމްލަ 42.8 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

އަދި ބަޖެޓާއެކު ސަރުކާރަށް 11 ރެކޮމެންޑޭަޝަނެއް ހުށައަޅާފައިވެއެވެ. އޭގެތެރޭގައި ލިބޭ އެހީގެ އަދަދު ޔަގީންކުރުމާއި، ހަރަދުތައް ކުޑަކުރުމާއި، ސަބްސިޑީ އުސޫލުތައް ބަދަލުކުރުމާއި އަދި ދައުލަތަށް ނުލިބި ހުރި ޓެކްސް އާމްދަނީ ހޯދުންވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު