އދގެ މައި ދެ ގުނަވަން ކަމުގައިވާ އެޖަމިއްޔާގެ ސަލާމަތީ މަޖިލީހާއި، އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މެމްބަރު ޤައުމަކަށް ވުމަށް ދިވެހިރާއްޖެއިން ކުރިމަތިލާން ނިންމައިފިއެވެ.

ޚާރިޖީ ވުޒާރާއިން މިރޭ ބުނީ އދގެ ސަލާމަތީ މަޖިލީހަށް ކުރިމަތިލާން ނިންމާފައިވަނީ 2033-2034 ގެ ޓަރމްއަށް ކަމަށެވެ. އަދި އދގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލަށް ކުރިމަތިލާން ނިންމާފައިވަނީ 2027-2028ގެ ޓަރމްއަށެވެ.

މި އިންތިޚާބުތައް ދިވެހިރާއްޖެ ކާމިޔާބު ކޮށްފިނަމަ، އެކަން ވާނީ މި ދެ ގުނަވަނަށްވެސް ދިވެހިރާއްޖެއިން އިންތިޚާބުވާ ފުރަތަމަ ފަހަރަށެވެ.

"ދިވެހިރާއްޖެއާއި ދޭދޭ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާ އޮންނަ ގުޅުން ހަރުދަނާކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ހަރަކާތްތެރިކަން އިތުރު ކުރުމަކީ ސަރުކާރުގެ ވައުދެކެވެ." ޚާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާނުގައިވެއެވެ.

ހަމައެހެންމެ، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ރީތި ނަން ހޯދުމަކީވެސް ސަރުކާރުގެ ވައުދެއްކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. މި އިންތިޚާބުތަކުގައި ވާދަކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވަނީ ސަރުކާރުގެ ވައުދުތަކަށް ބިނާކޮށް، ޤައުމަށް އަލިގަދަ މުސްތަގްބަލެއް ހޯދުމުގެ މަޤްސަދުގައެވެ.

މިގޮތުން، 2018 އިން ފެށިގެން ރާއްޖެއިން ހޯދާފައިވާ ކާމިޔާބުތަކުގެ ތެރޭގައި، އދގެ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް އިންތިޚާބުވުން ހިމެނެއެވެ.

މިހާތަނަށް ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބުތަކަކީ ކުދި ޖަޒީރާ ޤައުމުތަކުން ބައިނަލްއަޤްވާމީ މައިދާނުގައި މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމުގެ އަލިގަދަ ދަލީލެއްކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

އ.ދ.ގެ ސަލާމަތީ މަޖިލީހުގެ މައިގަނޑު މަޤްސަދަކީ ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމެވެ. އަދި އދގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މައިގަނޑު މަޤްސަދަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު