2023 އަށް އޮތް ހަމައެކަނި ޗޮއިސް އަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ވާދަކުރާނެ ކެނޑިޑޭޓުންގެ ނަންތައް ހާމަކުރަމުންގެންދާއިރު ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން އެކަމުގައި ވަކިގޮތެއް މިހާތަނަށް ނިންމާފައެއް ނުވެއެވެ. ނަމަވެސް އެޕާޓީގެ ރިޔާސީ ޓިކެޓަށް ޝައުޤުވެރިކަން ފާޅުކުރަށްވާފައިވާ އެއްބޭފުޅަކީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

އެމްޑީޕީގެ އިސްބޭފުޅުން ޓެގް ކުރެއްވުމަށްފަހު މީސް މީޑިއާގައި މެންބަރު ޝަރީފް ވިދާޅުވީ އެމްޑީޕީއަށް އޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް ޞާލިޙް ކަމަށެވެ. އެގޮތުން ކޮވިޑްގެ ދަތި ޙާލަތުގައިވެސް ރައީސް ޞާލިޙް ވަނީ ތަފާތު ދައްކަވާފައިކަމަށް ޝަރީފް ވިދާޅުވިއެވެ.

“މުޅި ދުނިޔެ އިޤްތިޞާދީ ކާރިސާއެއްގެ ތެރޭގައި އޮށްވައިވެސް ޤައުމުގެ އިޤްތިޞާދު ފުން އަނދަވަޅަކަށް ވެއްޓިޔަނުދީ ހިފަހައްޓައިފި.” ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންނަމަ އެމްޑީޕީން ކެނޑިޑޭޓެއްގެ ގޮތުގައި ނެރެންޖެހޭނީ ތަފާތު ފިކުރުގެ މީހުންނާއެކު މަސައްކަތް ކުރެވޭފަދަ ޤާބިލު ހުނަރުވެރި ބޭފުޅެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭގެ އިތުރުން ދަތިއުނދަގޫ ޙާލަތުގައިވެސް ނިންމުންތައް ނިންމެވޭފަދަ ކުޅަދާނަ ބޭފުޅަކު ކެނޑިޑޭޓަކަށް ހެދުމުގެ މުހިންމުކަން ޝަރީފް ފާހަގަކުރެއްވިއެވެ.

“އެފަދަ ލީޑަރަކަށް ފެންނަންހުރީ ރައީސް ޞާލިޙް. އެއީ ޗޮއިސް އަކީ.” ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީން ނިންމާފައިވަނީ އެޕާޓީގެ ރިޔާސީ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ހޮވުމަށް ރިޔާސީ ޕްރައިމެރީއެއް ބޭއްވުމަށެވެ. ރައީސް ޞާލިޙްގެ އިތުރުން ޕްރައިމެރީއަށް ޝައުގުވެރިކަން ފާޅުކުރަށްވާފައިވަނީ ރައީސް ނަޝީދެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ރައީސް ޞާލިޙް ނޫން ބޭފުޅަކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުމަށް ވަކާލާތު ކުރަނީ ޕީޕީއެމަށް ވެރިކަން ދޫކޮށްލުމަށް ބޭނުންވާ ބައެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު