ރަށްރަށުގެ ކަރަންޓު އަގުހެޔޮކުރުމަށް ފެނަކައާއި ސްޓެލްކޯއަށް ހަ މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ނިންމައިފި އެވެ.

މަޖިލީހުގެ ކޮމިޓީން މިގޮތަށް ނިންމާފައިވަނީ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށައެޅި ޤަރާރު ދިރާސާކުރުމަށް ފަހުއެވެ. ޝިޔާންގެ ޤަރާރުގައިވަނީ ފެނަކައިން ހިދުމަތް ދޭ ރަށްރަށުގައި ވިޔަފާރިތަކުން ބޭނުންކުރާ ކަރަންޓަށް ބިލުކުރާ ރޭޓް މާލެއާ އަޅާބަލާއިރު ބޮޑުކަމަށެވެ.

ޝިޔާންގެ ޤަރާރުގައިވަނީ 200 ޔުނިޓާއި 300 ޔުނިޓާ ދެމެދުގެ މިންވަރަކަށް ކަރަންޓް ބޭނުންކުރާ ނަމަ މާލޭގައި ނަގަނީ ޔުނިޓަކަށް 3.65 ލާރި ކަމަށެވެ. ނަމަވެސް ފެނަކައިން ކަރަންޓް ދޭ ރަށްރަށުގައި ނަގަނީ ހަރުފިޔާ އެވެ. ފެނަކައިން 100 ޔުނިޓާ 200 ޔުނިޓާ ދެމެދުގެ ބޭންޑަށް 3.75 ރުފިޔާ ނަގާ އިރު މާލޭގައި ނަގަނީ 3.35 ރުފިޔާ އެވެ.

ގަރާރާ ގުޅިގެން ކޮމިޓީން ފާސްކޮށްފައިވަނީ ސީދާ ޓެރިފަށް ކުރާ އަސަރު ދެނެގަނެ ކަރަންޓުގެ ޚިދުމަތް ހަމަހަމަގޮތެއްގައި ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ފުރިހަމަ ޓެރިފް ރިވިއުއެއް ހެއްދެވުމަށެވެ. އެގޮތުން މާލެ އާއި ރަށްރަށުގައި ހިންގާ ވިޔަފާރިތަކުގެ ޓެރިފް ރޭޓުތައް އެކި ގިންތިތަކަށް އެއްހަމަކުރުމުގެ މަސައްކަތް އަންނަ ޖޫން މަހަށް ނިންމުމަށް ކޮމިޓީން ފާސްކޮށްފައިވެއެވެ.

މިގޮތަށް ނިންމުމުގެ ކުރިން އެސްއޯއީ ކޮމިޓީން ވަނީ ފެނަކައާއި ސްޓެލްކޯއާއި މަޝްވަރާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު