ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހުނު ކަމަށް ބުނެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްގެ އަތުން 10 މިލިއަން ރުފިޔާ ހޯދަން ރައީސް ނަޝީދު ކޯޓަށް މައްސަލައެއް ހުށައަޅުއްވައިފިއެވެ.

މެމްބަރު ޝަރީފް މީގެކުރިން ކުރެއްވި ޓްވިޓެއްގައި ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓައިލުމަށް 50 މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫންގެ އިސްތަށިފުޅުގައި އެޅުވުމަށް ރައީސް ނަޝީދު ރޭއްވެވި ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ރާވާފައި އޮތީ ކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލަން ކަމަށް ޓްވީޓުގައިވެއެވެ.

އަދި އެކަން ހުއްޓުވަން އެމްޑީޕީގެ އެއިރުގެ ޕާލިމަންޓްރީ ގްރޫޕުން ގަރާރެއް ފާސްކުރި ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

އެމައްސަލާގައި ރައީސް ނަޝީދު ތަމްސީލް ކުރައްވާ ލޯ ފާމް ލިޓިގަންޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ނަޝީދު ގަތުލު އާންމެއް ހިންގަން އުޅުއްވި ކަމަށް ބުނެ މެމްބަރު ޝަރީފް މިމަހުގެ 25 ވަނަ ދުވަހު ކުރެއްވި ޓްވީޓާ ގުޅިގެން އޭނާގެ ކިބައިން އަބުރާބެހުމުގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅައިދީ، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް މިއަދު ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށެވެ.

މައްސަލާގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިފައިވަނީ އެޓްވީޓުގެ ސަބަބުން އެމަނިކުފާނަށް ލިބިފައިވާ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު