މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ ދެވަނަ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

އެމްއެންޕީން ބުނީ އެޕާޓީގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމަކީ މިދިޔަ ސެޕްޓެމްބަރުމަހު އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލް ހުވާކުރުމަށް ފަހު ބޭއްވި ދެވަނަ ޤައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުން ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ނިންމުނު އެންމެ މުހިންމު ކަމަކީ އެމްއެންޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީ ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލު ފާސްކުރުން ކަމަށް އެމްއެންޕީން މަޢުލޫމާތުދީފައިވެއެވެ.

“މިއިންތިޚާބު ކުރިޔަށް ގެންދާނީ ޕާޓީގެ އިންތިޚާބީ ކޮމިޓީން ނިންމާ ގޮތެއްގެ މަތީން ކަމަށާއި ޓެކްނޮލޮޖީއާ އަހުލުވެރި ގޮތަކަށް އިލެކްޓްރޯނިކް ވޯޓިންގ އަކުން މިޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ގެންދިއުމުގެ ފުރުޞަތު ފަހިވާގޮތަށް އިންތިޚާބީ ކޮމިޓީއަށް އެއިޚްތިޔާރު ވަނީ ޕާޓީގެ ހިންގާ ކައުންސިލްގެ އިއްތިފާޤުން ދެއްވާފައެވެ.” އެމްއެންޕީން ބުނެފައިވެއެވެ.

އެމްއެންޕީގެ ފުރަތަމަ ޤައުމީ ކައުންސިލް ބައްދަލުވުމުގައި އިތުރަށް މަޝްވަރާކޮށް ނިންމުނު ކަންތައްތަކުގެ ތެރޭގައި ޕާޓީގެ ސުލޫކީ ކޮމިޓީއާއި، ޕާޓީގެ އިންތިހާބީ ކޮމިޓީ އަދި ޕާޓީގެ އިސްތިއުނާފީ ކޮމިޓީގެ ހިންގާ ޤަވާޢިދު ފާސްކުރުން ހިމެނެއެވެ. އޭގެ އިތުރުން ޕާޓީގެ ދީނީ ޢިލްމުވެރިންގެ މަޝްވަރާ މަޖިލީހުގެ ހިންގާ ޤަވާޢިދުވެސް ފާސްކޮށްފައިވެއެވެ.

އޭގެއިތުރުން ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޕާޓީގެ ކޮމިޓީތަކުގެ ހިންގާ ޤަވާޢިދުތައްވެސް ރޭވަނީ ފާސްކޮށްފައެވެ. މިހުރިހާ ޤަވާޢިދެއް ފާސްކޮށްފައިވަނީ ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގެ ފުރިހަމަ އަޤުލަބިއްޔަތުން ކަމަށް އެމްއެންޕީން ހާމަކޮށްފައިވެއެވެ.

އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލަކީ ޕާޓީގެ ޤައުމީ ޖަލްސާ، ދަ ނެޝަނަލްސް ކޮންވެންޝަންއަށް ފަހު ޕާޓީގެ އެންމެ އިސް ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އަދާކުރާ ގުނަވަނެވެ. ޕާޓީގެ ޤައުމީ ހިންގާ ކައުންސިލްގައި ހިމެނެނީ ޕާޓީގެ ރައީސުންނާއި ނާއިބު ރައީސުން، ޕާޓީގެ ވިމެންސް ވިންގާއި ޔޫތު ވިންގގެ ލީޑަރގެ އިތުރުން ޕާޓީގެ ހުރިހާ ދާއިރާތަކެއް ރައީސުންނާއި ދީނީ އިލްމުވެރިންގެ މަޝްވަރާ މަޖިލިސްގެ ޗެއަރއެވެ.

އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމެއް ކޮންމެ ތިންމަހަކުން އެއްފަހަރު ބާއްވަމުން ގެންދާނެކަމަށް އެޕާޓީން މަޢުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު