ގިނަޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކުރި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓް، ޑީއީޑީގެ ފުލުސް މީހާގެ މައްސަލަ ތަހުގީގު ކުރުމުގެ މުއްދަތު ޕީޖީ އޮފީހުން އިތުރުކޮށްދީފި އެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމެންޓުން ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި ފުލުސް އޮފިސަރ ހަސަން ޝުޖާއު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައާއި އިދާރީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ޝުޖާއުގެ އިތުރުން އޭނާގެ ލޯބިވެރިޔާ މަރިޔަމް ސަފާވެސް ފުލުހުން ހައްޔަރުކޮށްފައިވެއެވެ. ހަމަ އެއާއެކު އެ މައްސަލައިގައި ހުސެއިން ރަޝީދާއި އަހުމަދު ރާޖިހު ވެސް ހައްޔަރު ކުރި އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ އެޕާޓްމަންޓަކުން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކުއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ޕީޖީ އޮފީހުން ވަނީ ފުލުހުންނަށް އިތުރު 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވާ ފުލުސް އޮފިސަރަކީ ޑްރަގް އެންފޯސްމެންޓުގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބަލަހައްޓާ ޓީމުގައި ހިމެނޭ ފުލުހެއް ކަމަށެވެ.

"ނަމަވެސް ޑްރަގް އެންފޯސްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބެލެހެއްޓުމުގައި އަމަލު ކުރާ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް ފުރުސަތެއް ފުލުހަކަށް ނޯންނާނެ." ފުލުހުން ބުނެފައިވެއެވެ.

ޝުޖާއު ހައްޔަރުކުރިރޭ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ފިރިހެނަކާއި ހަތަރު އަންހެނުންނެވެ. އޭގެ ތެރޭގައި ފިލްމީ ތަރިން ކަމަށްވާ އާމިނަތު ރިޝްފާ އާއި ހުނޭސާ އާދަމް ނަސީރު (ހުނޫ) ވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން