ރައީސް ޑރ. ވަހީދު މިރޭ ޕީޕީއެމް/ ޕީއެންސީގެ އެޑްވައިޒަރ ކަމާއި ހަވާލުވެ ވަޑައިގެން ވާހަކަ ދައްކަވަނީ
ރައީސް ޑރ. ވަހީދު މިރޭ ޕީޕީއެމް/ ޕީއެންސީގެ އެޑްވައިޒަރ ކަމާއި ހަވާލުވެ ވަޑައިގެން ވާހަކަ ދައްކަވަނީ
ރައީސް އަބުދު ﷲ ޔާމިނަށް އިންސާފު ހޯދައިދީ މި ސަރުކާރުގެ ބޭ އިންސާފާ އަދި މާލިއްޔަތުން ވައްކަން ކުރަމުންދާ މައްސަލަތައް ބަލާނެ ދުވަހެއް އަންނާނެ ކަމަށް ޕްރޮގުރެސިވް ކޯލިޝަންގެ އެޑްވައިޒަރު ކުރީގެ ރައީސް، ރައީސް ޑރ.މުހަންމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމާއި މިރޭ ރަސްމީކޮށް ހަވާލުވެ ވަޑައިގެންނެވި ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ ނުހައްގުން ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށާ އެހެން ކަމުން އެމަނިކުފާނަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވާނީވެސް ރައީސް ޔާމީނަށް އިންސާފު ހޯދާ ދެއްވުމަށް ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

ބޭރު ދުނިޔޭގެ ސަމާލުކަމަށް ރައީސް ޔާމީންގެ މައްސަލަ ގެންނެވުމަށްވެސް އިތުރު މަސައްކަތްތައް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ޓިކެޓް ހޯއްދެވުމުގެ ޝައުގުވެރިކަން އެބައޮތްތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ އިންތިހާބު އޮތީ ވަރަށް ދުރުގައި ކަމަށާ ފޯކަސް އޮތީ ޕީޕީއެމްއަށް ހިދުމަތް ކުރުމަށް ކަމަށެވެ. އަދި ޕީޕީއެމްއަކީ ވަރަށް ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާ ޕާޓީގެ ކޮންމެ މަގާމަކަށްވެސް ވަޑައިގަތުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށްވެސް އޮންނާނެ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮތް ޑިމޮކްރެސީ ކުރިއަރުވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށާއި، ޑިމޮކްރެސީ ވަރުގަދަވާން ޖެހޭނެ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. ޑިމޮކްރެސީއެއް ފުރިހަމަ ވާނީ ޑިމޮކްރެސީގައި ވަރުގަދަ އިދިކޮޅު ޕާޓީއެއް ވެސް އޮވެގެން ކަމަށާއި، އެ ޒިންމާ މިއަދު އަދާކުރަނީ ޕީޕިއެމް/ ޕީއެންސީ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. ރައީސް ވަހީދު ވިދާޅުވީ އިޤުތިޞާދީ މަސައްކަތްތައް ވެސް ހަލުވިކަމާއި އެކު މިހާރު ކުރިއަށް ނުގެންދެވޭ ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ދަތިތައް ކުރިމަތިވެގެން ދާނެ ކަމަށެވެ.

"އަދި ހުރިހާ ދިމާއަކުން މި ފެންނަނީ ރައްޔިތުން ބިކަ ހާލުގައި ޖެހެމުންދާ ތަން. މި އަޑުތައް އަޅުގަނޑުމެން އެބަޖެހޭ އިއްވަން." ރައީސް ވަހީދު ވިދާޅުވިއެވެ.

މިއީ ސިޔާސީ ލީޑަރުންގެ ޖަޒުބާތާއި އަމިއްލަ އެދުން ކުރިއަށް ނެރެ، ހަސަދަވެރިކަން ފާޅުކުރަންވީ ވަގުތު ނޫން ކަމަށާއި މިއީ ކެތްތެރިވާންވީ ވަގުތު ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ، ދައުލަތުގެ މާލިއްޔަތުން އެކި ފަރާތްތަކަށް ބައި އެޅެމުން ދާ ތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެމައްސަލަތައް ބެލޭނެ ދުވަހެއް އަންނާނެ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

"ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން މިވަރުގެ ނުރައްކާތެރި، ދަތި ދުވަސްވަރެއް އަދި އަޅުގަނޑުމެންނަށް ރާއްޖޭގައި ކުރިމަތިލާކަށް ނުޖެހޭ. އަދި އޮތީ އަޅުގަނޑުމެންނަށް ކުރިމަތިލާންޖެހޭ ދަތިތައް. އެހެންވީމާ މިފަދަ ހާލަތެއްގައި އަޅުގަނޑުމެން ސިޔާސީ ގޮތުން އެކިއެކި މަގާމުތަކާ ހަވާލުވާ މީހުން، ރާއްޖޭގެ ރައްޔިތުން ވެރިކަން ހަވާލުކުރާ މީހުން މަސައްކަތް ކުރަން ޖެހޭނީ ހަމައެކަނި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން." ރައީސް ވަހީދު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ އެޑްވައިޒަރު ކަމުގެ މަގާމަށް ރައީސް ވަހީދު ހަމަޖެއްސީ ރައީސް އަބްދުﷲ ޔާމީންގެ މަޝްވަރާގެ މަތިން ކަމަށެވެ. ރައީސް ވަހީދު 2014 ވަނަ އަހަރުގެ ކުރީކޮޅު ޕީޕީއެމަށް ވަނީ ސޮއިކުރައްވައިފަ އެވެ. ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދަކީ އ.ދ. ގެ މައި އޮފީހުގައާއި، އަދި އެކި ޤައުމުތަކުގައި ހުންނަ އ.ދ. ގެ ސަރަޙައްދީ އޮފީސްތަކުގައި މަސައްކަތްކުރައްވާފައިވާ ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތީ، 7 ފެބްރުއަރީ 2012 ގައި، އޭރުގެ ރައީސް، ރައީސް މުޙަންމަދު ނަޝީދު ވެރިކަމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ޑރ.ވަހީދަކީ ރާއްޖޭގެ ފުރަތަމަ ނާއިބް ރައީސް ވެސް މެއެވެ.



ކިޔުންތެރިންގެ ހިޔާލު


-6

މުޙައްމަދު

23-Jun-2020

އެސް.އެމް.އީ ބޭންކުން ލޯން ދެނީ ލޯން ނަގާފަރާތުން ބޮޑު ޢަދަދެއްގެ ފައިސާ ލޯން ދޫކުރާ ފަރާތަށް ދޭން އެއްބަސް ވާ މީހުންނަށް.



ޓްރެންޑިން