ޕްރޮގުރެސިވް ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ވަހީދު މިރޭ ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
ޕްރޮގުރެސިވް ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ވަހީދު މިރޭ ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރި ކަމަށް ބުނެ މަޖިލީހުން ކުރާ ތަހުގީގަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ޕްރޮގުރެސިވް ކޯލިޝަންގެ އެޑްވައިޒަރު ކުރީގެ ރައީސް، ރައީސް ޑރ.މުހަންމަދު ވަހީދު ހަސަން މިރޭ ވިދާޅުވެެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވެއްޓިފައިވަނީ ސަރުކާރާ ދެކޮޅަށް އާންމުން ކުރަމުން ދިޔަ ސިލްސިލާ މުޒާހަރާތަކާ ފުލުހުންނާއި ސިފައިން ގުޅި، އެންމެ ފަހުން ރައީސް ނަޝީދުގެ އިސްތިއުފާ އަށް ގޮވައި ބޮޑެތި ހަމަނުޖެހުންތަކެއްގެ ތެރޭގައެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން އޭރުގެ ނާއިބް ރައީސް ޑރ.މުހަންމަދު ވަހީދު ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވިއެވެ. ވެރިކަމާ ހަވާލުވެވަޑައިގެން އުފެއްދެވި ކޮމިޝަން އޮފް ދަ ނޭޝަނަލް އިންކުއަރީ (ކޯނީ) އިން ވަނީ ވެރިކަން ބަދަލުވި ގޮތް ތަހުގީގުކޮށް އެއީ ބަޣާވާތެއް ނޫން ކަމަށް ނިންމައިފަ އެވެ. ނަމަވެސް އެމްޑީޕީން އެ ކޮމިޝަންގެ ނިންމުން ގަބޫލުކޮށްފައެއް ނުވެއެވެ.

ކޯނީގެ ނިންމުމާއިމެދު ރައީސް ނަޝީދު އެކި މުނާސަބާގައި ވިދާޅުވެފައި ހުރީ އެކި ގޮތަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންނެވި ފަހުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ނަޝީދު މިވަނީ އެމަނިކުފާނުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހުން ބަލާނެ ކަމުގެ އިޝާރާތެއްވެސް އެމަނިކުފާނު ވަނީ ކުރައްވާފައެވެ.

ޕްރޮގުރެސިވް ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ވަހީދު ވިދާޅުވީ ވެރިކަން ބަދަލުވިގޮތް ރިޔާސީ ކޮމިޝަނުން ތަހުގީގު ކޮށްފައިވާ ކަމަށެވެ. އެ ތަހުގީގަށް އެއްވެސް ނުފޫޒެއް ފޯރުއްވާފައި ނުވާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވި ގޮތަކީ އުފާކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި ޑިމޮކްރަސީގައި ކަންކަން ބަދަލުވާން ޖެހޭނީ ވަރަށް ސުލްހަވެރިކޮށް ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޝަންގައި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ތަޖުރިބާކާރު ބޭފުޅުންނާއި އެމްޑީޕީގެ ބޭފުޅުންނަށް ވެސް ފުރުސަތު ދީފައިވާނެ ކަން ފާހަގަކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ އެއީ އެކަން ކުރެވޭނެ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"ދުނިޔޭގެ އެއްވެސް ގައުމެއްގައި އެކަން ކުރެވޭނެ އެންމެ ރަނގަޅަށް އެކަން ކުރީ. އަޅުގަނޑުގެ އދ.ގެ ތަޖުރިބާ އަށް ބަލައިފައި އެ ފިޔަވަޅު އެޅީ." ރައީސް ވަހީދު ވިދާޅުވި އެވެ.

ނަމަވެސް މަޖިލީހުން އެ މައްސަލަ ތަހުގީގުކުރާ ނަމަ އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވަހީދު މިރޭ ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވުމުގައި އެ މަނިކުފާން ގާނޫނާ ހިލާފަށް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް މިރޭވެސް ތަކުރާރު ކުރެއްވިއެވެ.

ރައީސް ނަޝީދު، އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަހީދު ރައީސްކަމާ ހަވާލުވެވަޑައިގަތުމުން އެމްޑީޕީގެ ވެރިކަން ބަދަލުކުރުމުގެ އަޑީގައި ހުންނެވީ ރައީސް ވަހީދު ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާއިރު އެ މައްސަލަ އަލުން ބަލަން މެމްބަރުން ވަނީ ގޮވާލައްވާފައެވެ. އަދި ރައީސް ނަޝީދުވެސް ވިދާޅުވެފައިވަނީ އެއީ ބަޣާވާތެއްކަން ނުވަތަ ނޫންކަން ދެން ނިންމާނީ މަޖިލީހުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން