ޑރ. އަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޑރ. އަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ ކުރީގެ ޙާލަތަށް ދާނެކަމަށް ލަފާ ނުކުރެވޭކަމަށް އެޗްޕީއޭގެ އެޕިޑަމިއޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް މިރޭ ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ކުރިއަށް އޮތްތަނުގައި ޕޮޒިޓިވްވާމީހުންގެ ޢަދަދު މައްޗަށް އަރައިގެންދާއިރު ކުރިން ބަލިޖެހުނު މީހުންގެ ޢަދަދު މައްޗަށް އަރައިގެންދިޔަ ޢަދަދަށް އަރައިގެން ނުދާނެކަމަށް ލަފާކުރެވޭކަމަށެވެ. ސަބަބަކީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ރައްޔިތުން އަހުލުވެރިވެ އެގޮތަށް އަމަލުކުރުންކަމުގައި ޑޮކްޓަރ އަފްޒަލް ވިދާޅުވިއެވެ.

"މާލެސަރަހައްދުގަ ވަރަށް ގިނަބަޔަކު މާސްކުވެސް އަޅައިގެން އުޅެނީ. ގައިދުރުކަންވެސް ބަހައްޓާތަން ފެނޭ. ސެނިޓައިޒާވެސް ބޭނުންކުރާތަން ވަރަށް ގިނައިން އެބަފެނޭ. މިފަދަ އާދަތައް ގިނަބަޔަކަށް އެކަން ކުރެވެންޏާ ރައްކާތެރިކަން ލިބޭނެ. ޚާއްޞަކޮށް ބިދޭސީންތެރޭގައިވެސް އަޅުގަނޑު ފާހަގަކޮށްލާނަން މާސްކު އަޅައިގެން އުޅޭކަމަށް. އެހެންވީމަ ދެވަނަ ޕީކެއް އަންނައިރު ޕީކް ކުޑަވާނެކަމަށް ލަފާކުރާ ސަބަބަކީ، އެހެންވީމަ އާންމުންނަށް ކޮންމެސްވަރެއްގެ އާދަތަކެއް ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަދެފައިވާތީ." ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވިއެވެ.

ޑރ.އަފްޒަލް ވިދާޅުވީ މިއާދަތައް ހުރެ އެކަކު ގައިން އަނެކަކު ގަޔަށް ވައިރަސް އަރާނެ ހިރާސްތައް ކުޑަކުރެވިފައިވާނަމަ މަގުތަކަށް މީހުން ނުކުތްނަމަވެސް ބަލި ނުފެތުރޭނެކަމަށާއި، ނަމަވެސް ކޮންމެސްވަރަކަށް ޕޮޒިޓިވް ކޭސްތައް ހަމަ ފެންނަމުންދާނެކަމަށެވެ. އަފްޒަލް ވިދާޅުވީ، މިދެހަފްތާއަށް ބެލުމަށްފަހު ރާއްޖޭގެ ހާލަތަށް އަންނާނެ ބަދަލުތަކުގެ އަންދާޒާއެއް އެކުލަވާލާނެކަމަށެވެ. މިޙާލަތުގައި ހިފަހައްޓާލެވިއްޖެނަމަ އިތުރު ލޮކްޑައުންއަކަށް ދާން ނުޖެހޭނެކަމަށް އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2217 އަށް އަރާފައިވާއިރު މިއަދު ވަނީ އިތުރު 10 މީހަކު ބަލިން ރަނގަޅުވެފަ އެވެ. މިރޭ ބަލިން ރަނގަޅު ވި ކަމަށް އިޢުލާންކުރި 10 މީހުންނާއެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1813 އަށް އަރާފަ އެވެ. މާލޭގައި އިއުލާންކޮށްފައިވާ ލޮކްޑައުން މިހާރުވަނީ ބޮޑެތި ލުއިތަކެއްދީ ހުއްދަނެތި ވަކިވަގުތުތަކެއްގައި ބޭރުގައި އުޅުމުގެ ހުއްދަ ދީފައެވެ. ކޯވިޑާ ގުޅިގެން ރާއްޖޭގެ ރަށްތަކުގައި އެޅި ހުރިހާ ފިޔަވަޅުތައް ވެސް ވަނީ ބާތިލްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން