އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާނީ ސައްޙަނޫން ނަންތަކެއް ކަމަށް އެޕާޓީގެ ޗެއަރޕާސަން ނައިބު އިދާރީ އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދަފްތަރުން ގިނަ ޢަދަދެއްގެ މެންބަރުން ވަކިކޮށްފައިވާކަމަށްބުނެ އެކަމުގެ ޝަކުވާ އެޕާޓީގައި ފެށުނީއްސުރެ ޙަރަކާތްތެރިވަމުން ގެންދިޔަ ބައެއް މެންބަރުން ދަނީ ކުރަމުންނެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ މެންބަރުންގެ ލިސްޓު ސައްޙަ ކުރުމަށްޓަކައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި އިބުރޭ ވިދާޅުވީ އެމްޑީޕީގެ ސެކްރެޓޭރިއަޓްގައި އޮންނަ ދަފްތަރުގައި ހިމެނޭ 93،440 މެމްބަރުންގެ ތެރެއިން 41،189 މެމްބަރުންނަކީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިނެތް ސައްހަ ނޫން ނަންތަކެއް ކަމަށެވެ.

އިބުރޭ ވިދާޅުވީ، އެމްޑީޕީން ގެންގުޅޭ ލިސްޓުގައި ނުހިމެނޭ 46 ނަމެއް އިލެކްޝަންސްގެ ވެބްސައިޓުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރެޖިސްޓްރީ ކުރެވިފައިވާކަމަށެވެ. އަދި އިލެކްޝަންސްގެ ވެބްސައިޓުގައި އެހެނިހެން ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައާއި އެއްވެސް ޕާޓީއެއްގައި ރެޖިސްޓަރ ކުރެވިފައިނުވާ 41،189 މެމްބަރުން އެމްޑީޕީގެ ވެބްސައިޓުގައިވާ ދަފްތަރުގައި ހިމެނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން އިލެކްޝަންގެ ވެބްސައިޓުގައި އަދާލަތު ޕާޓީގެ މެމްބަރުންގެ ގޮތުގައި ރެޖިސްޓަރ ކުރެވިފައިވާ 1211 މީހުނާއި، ޑީއާރްޕީގެ 389 މެމްބަރުނާއި، ޖުމުހޫރީ ޕާޓީގެ 3788 މެމްބަރުނާއި، އެމްޑީއޭގެ 1761 މެމްބަރުން އެމްޑީޕީގެ އަމިއްލަ ދަފްތަރުގައި ހިމެނޭކަމަށް އިބުރޭ ވިދާޅުވިއެވެ. އޭގެ އިތުރުން އެމްއެސްއެލްޑީޕީގެ 875 މެމްބަރުނާއި، އެމްއާރްއެމްގެ 1029 މެމްބަރުނާއި، އެމްޓީޑީގެ 1048 މެމްބަރުނާއި، ޕީއެންސީގެ 698 މެމްބަރުނާއި، ޕީޕީއެމްގެ 6357 މެމްބަރުންގެ އިތުރުން އެއްވެސް ޕާޓީއެއްގެ ދަފްތަރުގައި ނެތް 24،033 ނަމެއް އެމްޑީޕީ ސެކްރެޓޭރިއަޓްގައި އޮތް 2021 ވަނަ އަހަރުގެ މެމްބަރުންގެ ލިސްޓުގައި ހިމެނޭކަމަށްވެސް އިބުރޭ ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު އަދާލަތު ޕާޓީން އިންތިހާބު ކުރެވިފައިވާ ކައުންސިލަރަކާއި، ޖޭޕީގެ 6 ކައުންސިލަރުނާއި، އެމްއެސްއެލްޑީޕީގެ ކައުންސިލަރަކާއި، ޕީޕީއެމްގެ 54 ކައުންސިލަރަކާއި އަދި އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވެފައިވާ 62 ކައުންސިލަރަކާއި، ޖޭޕީގެ ފަރާތުން ޑަބްލިއުޑީސީއަށް އިންތިހާބު ކުރެވިފައިވާ 4 މެމްބަރުނާއި އަދި އެމްއާރްއެމްގެ ޑަބްލިއުޑީސީ މެމްބަރަކާއި، ޕީޕީއެމްގެ 41 ޑަބްލިއުޑީސީ މެމްބަރުންގެ އިތުރުން އަމިއްލަގޮތުން އިންތިހާބުވެފައިވާ 55 ޑަބްލިއުޑީސީ މެމްބަރުންގެ ނަންވެސް އެމްޑީޕީގެ އަމިއްލަ ލިސްޓުގައި އޮތްކަމަށް އިބުރޭ ވިދާޅުވިއެވެ.

ޕާޓީގެ ދަފްތަރުން ގިނަ ޢަދަދެއްގެ ނަންތަކެއް އުނިވެފައިވާ ގޮތުގެ ތަފްސީލް އިބުރޭ ހާމަކުރަށްވާފައިވާއިރު، އެމްޑީޕީގެ ގައުމީ މަޖިލީހަށް 29 މޭ 2022 ގައި ހުށަހަޅައި ފާސްކުރެވުނު ގަރާރުގައި އޮތީ "މިވަގުތު އެމްޑީޕީއިން ބަލަހައްޓަމުން ގެންދާ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ރަސްމީ ދަފްތަރުގައި ހިމެނޭ 54،599 މެމްބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުކަމަށް ބަލައި، ދެން ތިބި 39،911 މީހުންނަށް އެމްޑީޕީގެ މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދިނުމަށާއި، މީގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގައި އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހުން އެމްޑީޕީ އިން ވަކިކުރުމަށާއި، އެމްޑީޕީގެ އެއްވެސް މަގާމެއްގައި ހުރި މެމްބަރަކު ނަމަ އެއްމަސް ދުވަސްތެރޭގައި މެމްބަރޝިޕް ސައްހަ ކުރުމަށެވެ."

އެމްޑީޕީގެ ދަފްތަރުގެ މައްސަލަ ފެންމަތިވެފައިމިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަ ކުރައްވަން ނިންމަވާ، އެކަން ޕާޓީއަށް އެންގެވި ސިޓީގައި ޕާޓީގައި ތިބި ގިނަ ބަޔަކު ޕާޓީން ވަކިކޮށްފައިވާ ކަމަށާއި އެހެންކަމުން ޕާޓީގެ މެންބަރުންގެ ދަފްތަރު އޮތީ ވަރަށް ބޮޑަށް ގަޑުބަޑުވެފައި ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. އަދި އެހެން އެކަންއޮވެ ޕްރައިމަރީއަށް ގޮސްފިނަމަ އެ އިންތިހާބު އިންސާފުވެރި ނުވާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިހާރު ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީއަކީ ރާއްޖޭގައި މިހާރު މެންބަރުން އެންމެ ގިނަ ޕާޓީއެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީވެސް ލިބިފައި ވަނީ އެމްޑީޕީއަށެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެޕާޓީން ހޯދާފައިވާ ކާމިޔާބަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މިހާތަނަށް ޕާޓީއަކުން ހޯދާފައި ނުވާފަދަ ބޮޑު ކާމިޔާބީއެއްކަން ފާހަގަކޮށްލެވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކާގޮތުން 11 ޑިސެންބަރު 2022 ގެ ނިޔަލަށް އެމްޑީޕީގައި ތިބީ 58،175 މެންބަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު