އާޔަތާއި ޙަދީސުން ފުރައްސާރަކުރުމަކީ އެންމެ ނުބައި އަޚުލާޤީ ބަލިމަޑުކަން ކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގާ އެކި ކަންކަމާއި ގުޅިގެން ކީރިތި ޤުރުއާނުގެ އާޔަތްތަކާއި މާތް ނަބިއްޔާގެ ޙަދީސް ބަސްފުޅުތަކުގެ މާނަ ބޭނުންކޮށްގެން މީސްމީހުންނަށް ރައްދު ދިނުމަކީ ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ޢާއްމުކޮށް ކުރަށްވާ ކަމެކެވެ.

އެ ކަންކަމާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ އިންސާނަކަށް ހިތާމަވެރި ޙާލަތެއް މެދުވެރިވުމުން، އެމީހަކަށް ޒާތީގޮތުން ފުރައްސާރަކޮށް ދިމާކުރުމަކީ އިންސާނެއްގެ ކިބައިގައި ހުންނާނެ އެންމެ ނުބައި އަޚުލާޤީ ބަލިމަޑުކަން ކަމަށެވެ.

އަދި ވަކިން ޚާއްސަކޮށް އާޔަތާއި ޙަދީސްގެ ބޭނުންކޮށްގެން އެފަދަ ޢަމަލުތައް ހިންގުމަކީ ނުބައިކަން ބޮޑު ކަމެއްކަމަށް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

“މީގެ ނުބައިކަން ބޮޑުވެގެންދާ ކަމަކީ މިފަދަ ޙާލަތްތަކުގައި އާޔަތާއި ޙަދީސުން ފުރައްސާރަކުރުން.” ޑރ. ޝަހީމް ވިދާޅުވިއެވެ.



ދާދި ފަހުން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޖަލަށް ލުމަށް ޙުކުމް ކުރުމާ ގުޅިގެންވެސް ބައެއް ދީނީ ޢިލްމުވެރިން ވަނީ ޤުރުއާނާއި ސުންނަތުން މިސާލު ޖައްސަވައި އެމަނިކުފާނަށް ފުރައްސާރަކޮށްފައެވެ.

އެކަމާ ގުޅިގެން އެފަދަ ބައެއް ޢިލްމުވެރިންނަށް މީސް މީޑިއާގައި ރައްޔިތުންގެ ނުރުހުން ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު