ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ
ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަންނަ ޖުލައި މަހު 15 ގައި ރާއްޖޭގެ ބޯޑަރ ހުޅުވާލައިފަތުރުވެރިކަން އަލުން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއުލާނުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޖުލައި މަހުގެ 15 ވަނަ ދުވަހު ރިސޯޓްތައްވެސް ހުޅުވާލަން ހަމަޖެހިފައިވާ ކަމަށެވެ.ރައީސް ވިދާޅުވީ ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލައި އިތުރު ލުއިތަކެއް ދޭއިރު، ކޯވިޑް ބައްޔަށް ޓެސްޓް ކުރެވޭނެ ވަސީލަތާއި އެހެނިހެން ފަރުވާ ދެވޭނެ ވަސީލަތް ވެސް ގާއިމް ކުރެވިފައިވާ ކަމަށެވެ.

"އަންނަ އޮގަސްޓް މަހު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ލިބޭނެ. ބޯޑަރު ހުޅުވާލާއިރު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ރާއްޖެއަކީ ދަތުރުކުރުމަށް ރައްޔާތެރި ގައުމެއްކަން ދުބާއީ އާދި ޖަރުމަނުން ކަނޑައެޅުން." ރައީސް ސޯލިހް ވިދާޅުވިއެވެ.

އެގޮތުން އަންނަ ޖުލައި މަހުގެ 15 އިން ފެށިގެން ބޯޑަރު ހުޅުވާލާއިރު ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ހުޅުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެއާ އެކު ރިސޯޓްތައް ހުޅުވި، ޓޫރިޒަމް އަލުން ފަށައިގަނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލާނީ ހުރިހާ ގަައުމަކަށް ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ވިސްނާއިރު، އެމަނިކުފާނުގެ ވިސްނުން ގެންގުޅުއްވަނީ އިގްތިސޯދީ އަވަސް ރިކަވަރީއަކަށް ވާސިލުވުމަށް ކަމަށެވެ. އެކަމަށްޓަކައި ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާއި ހިޔާލާއި، މަޝްވަރާގެ މަތިން ކުރާނެ ކަންކަން ރާވައި ހިންގުމާއި އެކަން ކަމަށް ފައިސާ ހޯދަން ކުރަންޖެހޭ ކަންކަން ކުރުމަށް ނޭޝަނަލް ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަން ރައީސް ސޯލިހު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ބޯޑަރު ދެ މަހެއްހާ ދުވަހަށްފަހު ހުޅުވާލަން ނިންމާފައިވާއިރު ބޭރުން އަންނަ ޓޫރިސްޓުންނަށް ހިދުމަތް ދޭން ތައްޔާރަށް އޮތް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް ވަނީ ހާމަކޮށްފަ އެވެ. މަޖިލީހުގެ އެސްއީއޯ ކޮމެޓީގައި ވާހަކަ ދައްކަވަމުން، އެމްއޭސީއެލްގެ އެކްޓިން އެމްޑީ މޫސާ ސޯލިހު ވިދާޅުވެފައިވަނީ ބޯޑަރުހުޅުވުމާއެކު، އިންޓަނޭޝަނަލް 10 ފްލައިޓެއް ޖައްސަން ޝައުގުވެރިކަން ފާޅުކޮށް، ޖާގަ އަށް އެދިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން