ރައީސް ޞާލިޙް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރައީސް ޞާލިޙް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަކީ މިވަގުތު އެއްވެސް ވަރަކަށް ވިސްނުންފުޅު ގެންގުޅުއްވާ ކަމެއް ނޫން ކަމަށާއި އެފަދަ ނިންމުމެއް ނިންމިއަސް ނިންމާނީ ރައްޔިތުން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ހަމަޖެހިފައިވާ އުސޫލުތަކުން ބޭރަށް ރައްޔިތުންގެ މަޖިލިސް ހިގައިދާނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީކުރުމަށް މުހިންމު ދައުރެއް އަދާކުރާ އެއް މުވައްސަސާ ކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން ކުރާ ކަންތައްތަކަށް މަޖިލީހުން ބަލައި ފާރަވެރިވާންޖެހޭނެ ކަމަށެވެ. އަދި މަޖިލީހުން ބަލާ ކަންކަމުގައި ސަރުކާރުން ޖަވާބުދާރީވާންޖެހޭނެ ކަމަށާއި، އެމަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޤާނޫނު އަސާސީ އެކުލަވާލިއިރު، ނިޒާމުގެ ވާހަކައަކީ ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުންގެ އަޑު އަހައިގެން ނިންމާފައިވާ ނިންމުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެއްވެސް އިރެއްގައި ނިޒާމާއި ގުޅޭގޮތުން ގޮތެއް ނިންމާނަމަ އެކަމެއް ކުރަން ފުރަތަމަ އަހަން ޖެހޭނީ ރައްޔިތުންގެ ގާތުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ވެރިކަމާއި މި ސަރުކާރު ހަވާލުވީ ވަރަށް ގިނަ ވައުދުތަކެއް ރައްޔިތުންނަށް ވެގެން ކަމަށާއި މިވަގުތު ހަމަ އެކަނި ވިސްނުން ހުރީ އެވައުދުތައް ފުއްދުމުގައި ކަމަށެވެ.

"އަޅުގަނޑުގެ ސިކުނޑިއަށް، އަޅުގަނޑުގެ ވަގުތު އެހެން ކަމަކަށް ވަގުތު ހޭދަކުރާކަށް ބޭނުމެއް ނުވޭ. އެހެންވީމާ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި ދަނޑިވަޅުގައި ބަރުލަމާނީ ނިޒާމުގެ ވާހަކަ އަޅުގަނޑު ދެއްކުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން." ރައީސް ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ދައުލަތުގެ ތިންބާރަށް ވެސް މަސައްކަތް ކުރެވޭނެ ޖާގަ އެބައޮތް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. "އަޅުގަނޑުގެ އެދުމަކީ ދައުލަތުގެ ތިންބާރު ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ތިބުން، ސަރުކާރާއި ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލިސް ވެސް މަސައްކަތް ކުރުން. އަދި ފެންނަމުންދަނީ އެގޮތަށް މަސައްކަތް ކުރާ ތަން." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން