އެންމެ ލަކުނު ގިނަ މީހާ ބަލައިގެން ޕާޓީ ނުދެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ފާޑުވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިމޭރުމުން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވަނީ އެމްޑީޕީގެ ޙަޤީޤީ މެންބަރުންނަށް އެޕާޓީ އަލުން އަނބުރާ ހޯއްދަވައި ދެއްވުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ރޭ ކުރިއަށްދިޔަ ރައީސް ނަޝީދުގެ ޕްރައިމަރީ ކެމްޕޭން އިވެންޓެއްގައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ހަށިކޮޅުގައި ލާފައިވާ ލަކުނުތައް މަދުނޫން ކަމަށެވެ. އެމަނިކުފާނު އިޝާރާތްކުރަށްވާފައިވަނީ 6 މެއިގައި އެމަނިކުފާނަށް އަމާޒުކޮށް ދީފައިވާ ބޮމުގެ ޙަމަލާއަށްފަހު ލިބިވަޑައިގެންފައިވާ ޒަޚަމްތައް ފަސޭހަވެ މިހާރު ހަށިކޮޅުގައި ހުރި ލަކުނު ތަކަށެވެ.

އެކަމާގުޅިގެން ރައީސް ނަޝީދަށް ރައްދު ދެއްވަމުން ރީކޯ މޫސަ ވިދާޅުވީ އެމްޑީޕީއަކީ އެޕާޓީގެ މެންބަރުންގެ ޙައްޤެއް ކަމަށެވެ. އަދި އެއީ އެއްވެސް މީހެއްގެ ތަރިކަ މުދަލެއް ނޫންކަމަށާއި ލަކުނަށްބަލައިގެން ޕާޓީ ވަކިމީހަކަށް ލިބޭނެނަމަ އެފަދަ ކިތަންމެ މީހަކު އެބަތިބި ކަމަށް ރީކޯ ވިދާޅުވިއެވެ.

“އެމްޑީޕީއަށް މަސައްކަތްކޮށްގެން ލަކުނުލާފައިތިބި ވަރަށްގިނަ މީހުން އެބަތިބި. ލަކުނު ގިނަ މީހާ ބަލައިގެންވެސް ޕާޓީއެއް ނުދެވޭނެ.” މޫސަ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީއަށް ނުކުމެވަޑައިގެން ހުންނެވީ ލަކުނު މަދުވެގެން ނޫން ކަމަށާއި, ލިބުނު ގެއްލުން ކުޑަވެގެންވެސް ނޫން ކަމަށެވެ.

2016 ގައި އެމްޑީޕީގެ ލީޑަރޝިޕާދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކަށްފަހު އެމްޑީޕީން ވަކިކުރި މޫސަ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައިވަނީ ދާދިފަހުންނެވެ. އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށްފަހު މޫސަ ވިދާޅުވީ އެމްޑީޕީގެ އޮޑި ބަނދެފައިވަނީ އެހާ ފަސޭހައިން ފައްތާލެވޭނެ ގޮތަށް ނޫން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު