އައު އާންމު ހާލަތާ އެއްގޮތަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްކޮންފަރެެންސްގައި ރައީސް އިބްރާހިމް މުޙައްމަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އައު އާންމު ހާލަތާ އެއްގޮތަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްކޮންފަރެެންސްގައި ރައީސް އިބްރާހިމް މުޙައްމަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރާއްޖެއިން ފަރުވާ ދެވެން ނެތް މީހުން އިންޑިއާއަށް ގެންދިއުމަށް އެގައުމުގެ ސަރުކާރުން ހާއްސަ ހުއްދައެއްދީފައިވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވީ، ކޮވިޑާ ގުޅިގެން އެންމެ ބޮޑު އެހީއެއް ވީ އިންޑިއާ ސަރުކާރުން ކަމަށެވެ. އަދި ރާއްޖޭން ބޭސް ނުކުރެވޭ ބޮޑެތި ބަލިތަކުގެ މީހުން އިންޑިއާއަށް ދެވޭނެ ކަމުގެ ޔަގީންކަން ވެސް އެގައުމުން މިހާރު ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ފުރަބަންދުގެ ސަބަބުން ދަތުރުފަތުރުތައް ހުއްޓުވުމުގެ ސަބަބުން ބޭރަށް ބޭހަށް ދާން ކޮންމެހެން ޖެހިފައި ތިބި 37 މީހަކު ބޭހަށް ނުދެވި މިވަގުތުވެސް އެބަ ތިބި. އެހެންނަމަވެސް އިއްޔެ އަޅުގަނޑަށް ވަނީ އެ 37 މީހުންނަށް ރާއްޖެއިން އިންޑިއާއަށް ދެވޭނެކަމުގެ ޔަގީންކަން ހައި ކޮމިޝަނުން ދެއްވާފައި." ރައީސް ވިދާޅުވިއެވެ.

ޚާރިޖީ ވުޒާރާއިންވެސް މިއަދު ބުނީ ރާއްޖެއިން ފަރުވާލިބެން ނެތް، ބޮޑެތި ބަލިތަކަށް ބޭސް ފަރުވާކުރަން ޖެހޭ ފަރާތްތަކަށް އިންޑިއާއަށް ގޮސް ފަރުވާ ހޯދުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ހާއްސަ ހުއްދައެއް ދީފައިވާ ކަމަށާއި އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރް އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.

އިންޑިއާއިން އެގައުމުގެ ބޯޑަރު އަދި އާއްމުކޮށް ހުޅުވާލާފައި ނުވި ނަމަވެސް އިންޑިއާގެ ހޯމް މިނިސްޓްރީގެ ހާއްސަ ހުއްދައެއްގެ ދަށުން، ރާއްޖެއިން ފަރުވާލިބެން ނެތް، ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތަކުގެ ތެރެއިން 37 ޕޭޝަންޓުން އަންނަ ހަފްތާގައި އިންޑިއާއަށް ގެންދިޔުމަށް އާސަންދަ ކުންފުންޏާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ ކުރިން އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް ވިދާޅުވި ގޮތުގައި ރާއްޖެއިން ދެވެން ނެތް ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް މީހުން ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެކަމަކު އޭގެ ފަހުން މަހެއްވާން ގާތްވެފައިވަނިކޮށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ އެމީހުން ބޭރަށް ނުފޮނުވި ލަސް ވަނީ ބޭރު ގައުމުތަކުން ހޯދަން ޖެހޭ ހުއްދަތައް ނުލިބޭތީ ކަމަށާއި އަދި ހުއްދަ ލިބުނުހާ އަވަހަކަށް އެމީހުން ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާއިން ރާއްޖެއަށް މި ދިން ޚާއްސަ ހުއްދައިގެ ދަށުން ފަރުވާ ހޯދުމަށް ދިޔުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ކޮޗިންއަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން