ގޭބީސީތަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން އިލްތިމާސްކޮށްފި އެވެ.

މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތާ މާލޭ ސިޓީކައުންސިލުން ޙަވާލުވުމަށްފަހު ފާއިތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ކުނިގިނަވެ އެކަމުގެ ޝަކުވާ ގިނަޢަދަދެއްގެ ރައްޔިތުންވަނީ ކޮށްފައެވެ.

އެކަމާގުޅިގެން އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާގެ އެންގެވުމަކަށް މާލެ ސާފުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ވެމްކޯއިން މިހާރުވަނީ ފަށާފައެވެ. މި މަސައްކަތް ފެށީ ރައްޔިތުންގެ އާންމު ސިއްހަތު މުހިންމުކަމަށް ދެކިގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެތެރެ ސާފުތާހިރުކޮށް ބޭއްވުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެދޭކަމަށެވެ. އަދި ވެމްކޯގެ ޚިދުމަތް ހޯދުމަށް ރަޖިސްޓަރީ ކޮށްފައިވާ އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށާއި ޚިދުމަަތް ހޯދުމަށް ރަޖިސްޓްރީ ނުކުރާ ގޭބިސީތަކުން ވެސް ރަޖިސްޓްރީވުމަށް އެކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މާލެ ސިޓީގެ މަގުތަކުން ކުނި ނެގުމުގެ މަސައްކަތް މީގެކުރިން ސިޓީ ކައުންސިލުން ހަވާލުކޮށްފައި އޮތީ ވެމްކޯއާއެވެ. ނަމަވެސް ސިޓީ ކައުންސިލުން ވަނީ ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރަން ނިންމާފައެވެ. އަދި އެ މަސައްކަތް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުރަމުންދަނީ ސިޓީ ކައުންސިލުންނެވެ.

މިކަމުގައި މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގުތަކަށް ޖަމާކުރަނީ ވެމްކޯއަށް ފައިސާ ދައްކާފައިވާ ގޭބީސީތަކުން ނެރޭ ކުނިކަމަށެެވެ. އަދި ގޭބިސީތަކުން ޖަމާކުރާ ކުންޏަކީ ވެމްކޯއިން ނަގަން ޖެހޭނެ ކުންޏެއް ކަމަށާއި އެކަން ނުކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެެވެ.



ކިޔުންތެރިންގެ ހިޔާލު


-5

އަދުރޭ

22-Feb-2023

ރޭގާ މިގޭންވެސް ކުނިގެންދިޔައީ އެންމެ ކޮތަޅެއްގެކުނި އަނެއް ދެކޮތަޅު ނުގެންދޭ ލާރި ބަރާބަރައް ދައްކަން ޒިންމާ ނަގާނީ ކާކު


7

ބަނާނާ

22-Feb-2023

ދެން ގޭތެރެއަށް ފުނިޖައްސަންވީތޯ?