މިއަހަރު ރަނގަޅު މިސްރާބަކަށް ކަންކަން ދާނެކަމުގެ އުންމީދު އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާއަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ރައީސް ނަޝީދު މިއަދު ވިދާޅުވީ ގޮންޖެހުންތަކެއް ހުރިނަމަވެސް އެކަންތައްތައް އެއްފަރާތްކޮށް ރަނގަޅު މިސްރާބަކަށް ޤައުމުގެ ކަންތައްތައް ގެންދެވޭނެ ކަމުގެ އުންމީދު އެބައޮތްކަމަށެވެ.

އެގޮތުން އެންމެބޮޑު ގޮންޖެހުމެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރަށްވާފައިވަނީ މިއަދުންފެށިގެން ޓެކްސްނަގާ ރޭޓަށް އަންނަ ބަދަލެވެ. ރައީސް ނަޝީދު ވިދާޅުވީ ޓެކްސް ބޮޑުކުރުމުގެ ސަބަބުން ތަކެތީގެ އަގުބޮޑުވުމުން އެކަމުގެ ތަކްލީފް އުފުލަން ރައްޔިތުންނަށް ޖެހޭނެ ކަމަށެވެ. ނަމަވެސް ޖުމްލަކޮށް އެގޮންޖެހުންތަކަށް ޙައްލެއް ހޯދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މޫސުމީ ބަދަލުތަކަކީވެސް މި އަހަރު ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށާއި ނަމަވެސް އެކަމުގައިވެސް ކާމިޔާބު ހޯދޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ.

“ރަނގަޅު މިސްރާބަކަށް ކަންކަން ދާނެކަމުގެ އުންމީދު އެބައޮތް.” ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.



ރައީސް ނަޝީދު ދިވެހި ރައްޔިތުންނަށް އާއަހަރުގެ ތަހުނިޔާ ފޮނުއްވާފައިވާއިރު މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމުގެ މަސައްކަތް އެމަނިކުފާނު ގެންދަވަނީ ކުރަށްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު