ހުޅުމާލެއަށް ބަދަލު ކުރުމަށް ނިންމާފައިވާ ސަރުކާރުގެ އޮފީސްތައް މިމަހުގެ ތެރޭގައި ބަދަލު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ޖުމްލަ 185 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރި އޮފީސް އިމާރާތުގެ މަސައްކަތް ނިމި، ހައުސިން މިނިސްޓްރީން މިހާރު އަމާޒު ހިފާފައި ވަނީ މިމަހުގެ 15ވަނަ ދުވަހުގެ ކުރިން އެޢިމާރާތް ރަސްމީކޮށް ހުޅުވާ ބޭނުން ކުރަން ފެށުމެވެ.

އަދި މިވަގުތު ކުރިއަށްދަނީ އޮފީސްތަކުގެ ސެޓަޕް ހެދުމުގެ މަސައްކަތްކަމަށްވެސް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ސަރުކާރުގެ ތިން މިނިސްޓްރީއެއްގެ އިތުރުން އަލަށް ރާއްޖޭގައި ގާއިމް ކުރާ އެމެރިކާ އެމްބަސީ ހުޅުވަން ހަމަޖެހިފައިވަނީ ވެސް އެ އިމާރާތުގައެވެ. އެ އިމާރާތަށް ބަދަލުކުރާ މިނިސްޓްރީތަކަކީ، ޓްރާންސްޕޯޓް މިނިސްޓްރީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީއެވެ.

ސަރުކާރުން ނިންމާފައިވަނީ މާލޭގައި ކުއްޔަށް ހިންގަމުން އަންނަ އޮފީސް އިމާރާތްތައް އެތަނަށް ބަދަލު ކަމަށެވެ.

ހުޅުމާލޭގެ ހައިވޭ ހެދި ކުންފުންޏާއި ހަވާލުކޮށްގެން އިމާރާތްކުރި އެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް، ކޮވިޑާއި ގުޅިގެން މަސައްކަތް ހުއްޓި، ކުރިން އަންދާޒާކުރި މުއްދަތަށްވުރެ ގިނަ ދުވަސްވަނީ ހޭދަވެފައެވެ.

ސަރުކާރުގެ އިދާރާތައް އެއްފުރާޅެއްގެ ދަށަށް ގެނެސް، ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރުން އިސްކަމެއްދޭ ކަމެއްކަމަށް ހައުސިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު