މި ސަރުކާރުން ހެދި ގޯސްތަކުން ރައީސް ނަޝީދަށް ނުރެކެވޭނެ ކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރ އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.

ސުޖާއު މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކާއިއެކު ޕާޓީ ހަރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެދިވަޑައިގެންނެވި ގޮތަށް މި ސަރުކާރުން ކަންކަން ނުކުރުމުން މިހާރު މިވަނީ ބޮޑު ދައްޗަކާއި ކުރިމަތިލާން ޖެހިފައިކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވަމުން ސުޖާއު ވިދާޅުވީ މިވެރިކަމުގެ 4 އަހަރު މުޅި ދައުލަތް ލޫޓުވާލާ، ހުރިހާ ކަމެއް ގޯހުން ކޮށްފައިވަނީ ދެ ރައީސުން ގުޅިގެން ކަމަށެވެ.

"ރައީސް ޔާމީނަށް ހަރާން 2 ހުކުމް ޖަހައި، ކަނޑުވިއްކައި، ރިޒާވް ބަހާލައި، ފައިސާ ޗާޕްކޮށް، ކޮވިޑުން ވައްކަންކޮށް، އެތައްބައެއްގެ ފުލެޓްތައް ފޭރިގަނެ ރައްޔިތުން ބިކަކުރީ ރައީސް އިބްރާހިމާއި ރައީސް ނަޝީދު ގުޅިގެން." ޕީއެންސީގެ ނައިބުރައީސް ސުޖާއު ވިދާޅުވެފައިވެއެވެ.

އަދި މިހާރު ރައީސް ނަޝީދުވެސް އުޅުއްވަނީ މިހުރިހާ ކަމަކީ ރައީސް ޞާލިޙް ކުރި ކަންކަން ކަމަށް ދައްކައި މީގެން ރެކެން ކަމަށް ސުޖާއު ވިދާޅުވިއެވެ.

ހަމައެއާއެކު ދައުލަތެއްގެ ސިފަ ކަނޑުވާލީ ދެރައީސުން ގުޅިގެން ކަމަށާއި ރައްޔިތުންގެ މަޖިލީހުން ބެލި އެއްވެސް ކަމެއްވެސް ނެތްކަމަށް ސުޖާއު މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު