ރަޖިސްޓަރީ ނުކުރާ ނަމެއް އެއްވެސް ސިޔާސީ ޕާޓީއެއްގައި ނުހިމަނާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެންބަރުންތަކެއް އީސީގެ ދަފްތަރުން އުނިކޮށްފައިވަނީ ސަރުކާރާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ގުޅިގެން ކަމަށް ރައީސް ނަޝީދު ރޭ ވަނީ ތުހުމަތުކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ފުއާދު ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ޤާނޫނުން ވަކިކަމެއް ކުރުމަށް އީސީއަށް ލާޒިމު ކުރުމުން އެކަމެއް އީސީން ތަންފީޒު ކުރާނެކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ރަޖިސްޓަރީ ނުކުރާ ނަމެއް އެއްވެސް ޕާޓީއެއްގައި ނުހިމަނާނެކަމަށާއި އެކަމުގައި ކުރީގެ ރައީސެއް އަދި ރައީސެއްގެ އަނބިކަނބަލެއްވިޔަސް އީސީން ތަފާތު ނުކުރާނެ ކަމަށެވެ.

ފުއާދު ވިދާޅުވެފައިވަނީ ފިންގަރޕްރިންޓް ނެތް މެންބަރުން ޕާޓީތަކުން ވަކިކުރުމަށް ގާނޫނެއް ހެދުމުން، އިނގިލީގެ ނިޝާން ނުޖަހާ ހުރި ފޯމުތައް އިލެކްޝަންސް ކޮމިޝަނުން އޭރު ކެންސަލް ކޮށްލި ކަމަށެވެ. އަދި އެފޯމްތައް އަލުން ފުރުމަށް އޭރު ޕާޓީތަކަށް އަންގާފައިވާ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު