ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ދޫކޮށްލައި މައްސަލަ ފައިލްކޮށްފިއެވެ.

ބްލެކްމެއިލް ކުރުމުގެ އަމަލު ހިންގި މީހުން ހޯދާ އެ މީހުން ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަންގައި 5 މީހަކު ހައްޔަރުކޮށް 3 މީހެއްގެ ވަނަވަރު ފުލުހުން ވަނީ ޢާއްމުކޮށްފައެވެ.

އެ މައްސަލައިގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރ 20ގައި ފުލުހުން ހައްޔަރު ކުރީ ގާނޫނީ ވަކީލެއް ކަމަށްވާ، ށ. ފުނަދޫ، ސީސްޓާ، މައުމޫން މޫސާ އާއި ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ، 24، އާއި މައްސަލައިގެ މޭސްތިރިޔާ ކަމަށް ބެލެވޭ ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ، 37، ގެ އިތުރުން އިތުރު 2 މީހެކެވެ.

ފުލުހުން ބުނެފައިވަނީ މައްސަލައާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި މަޝްވަރާކުރުމުން، ލިބިފައިވާ ހެކިތަކަކީ ޖިނާއީ ދައުވާއެއް އުފުލޭ ވަރުގެ ބުރަދަންދެވޭނެ ހެކިތަކެއް ނޫން ކަމަށް އެ އޮފީހުން ލަފާދީފައިވާތީ މައްސަލައިގައި ހައްޔަރު ކުރި މީހުން މިދިޔަ ނޮވެމްބަރު މަހު ދޫކޮށްލުމަށްފަހު މިހާރު މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.

އަލަމްގީރާއެކު އެކިމީސްމީހުން އެއްޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ބޭނުން ކޮށްގެން މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ބަޔަކު ދިޔައީ ބްލެކްމެއިލް ކުރުމުގެ އަމަލުތައް ހިންގަމުންނެވެ. އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ކުރާނެކަމުގެ އިންޒާރު ދިނުމުން ބައެއް މީހުން ވަނީ އެ ވީޑިއޯތައް ފުހެލަން ޝަރުތުކޮށް އެތައް ހާސް ރުފިޔާއެއް އެ މީހުންނަށް ދީފައެވެ.

އެކަމުގައި އިސްކޮށް އުޅެފައިވަނީ އަލަމްގީރު އުޅުނު ގެ ބަލަހައްޓަމުން ދިޔަ މީހާ ކަމަށް ފުލުހުންނަށް ދިން ބަޔާނެއްގައި އަލަމްގީރު ވަނީ ބުނެފައެވެ.

އެމައްސަލާގައި އަލަމްގީރު ޖަލަށްލާފައިވާއިރު އޭނާއާއެކު ގުޅުންހިންގި ބައެއް މީހުންގެ މައްޗަށްވެސް ޖަލު ޢުޤޫބާތް ކަނޑައަޅާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު