ސިޔާސީ ބޭނުމަށް ޗައިނާއަށް އެއްޗެހިގޮވުން ހުއްޓާލަންޖެހޭ ކަަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެންބަރު ޝަރީފް މިއަދު ވިދާޅުވީ ޗައިނާ މާކެޓް ހުޅުވި މިމަހު 18 ގައި ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އަންނަން ފަށާނެ ކަމަށެވެ. އަދި އެއާއެކު ރާއްޖޭގެ އިޤްތިޞާދަށް އައު ދިރުމެއް އަންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ކޯވިޑްގެ ކުރިން ހުރި ޙާލަތަށް މިހާރު އިޢާދަވެފައިވާކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރުވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރާއްޖެއަށް އޮތް އިޤްތިޞާދީ އެންމެބޮޑު ގޮންޖެހުމަކީ ޗައިނާއިން ނަގާފައިވާ ލޯނުތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ސިފަކުރަށްވާފައެވެ.

ޗައިނާގެ ދަރަންޏަކީ ދަންތުރައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު މެންބަރު ޝަރީފް ވިދާޅުވީ ސިޔާސީ ބޭނުމަށް ޗައިނާއަށް އެއްޗެތިގޮވުން ހުއްޓާލަންޖެހޭކަމަށެވެ. އަދި ޗައިނާގެ ފަތުރުވެރިންނާއެކު ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހުޅުވިގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



3 އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާގެ 3 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް މިހާރުވަނީ ނިންމާފައެވެ.

އެގޮތުން ބެއިޖިންގ ކެޕިޓަލް އެއަރލައިނުން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 އިން އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. ޗައިނާ އީސްޓަން އެއަރލައިނުން ދަތުރުފެށުމަށް ހަމަޖެހިފައިވަނީ 28 ޖަނަވަރީން މާރޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މިމަހު ހޮންގކޮންގ އެއަރލައިނުން ރާއްޖެއަށް ދަތުރުފަށާއިރު މި ދަތުރުތަައް އަންނަ މާރޗް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޯވިޑް19 ގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284029 ފަތުރުވެރިން އައިސް އެ ޤައުމު ހިމެނެނީ އެ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ.

ކޮވިޑާއި ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ޗައިނާއިން މިހާރު އަންނަނީ ލުއިދެމުންނެވެ. ޗައިނާގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ ޤައުމަށް އެތެރެވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަރަންޓީނު މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން އުވާލަން އެ ޤައުމުން މިހާރު ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން