އެމް.ޑަބްލިޔު.އެސް.ސީން "ނަލަ ދުވާފަރު" ގެ ނަމުގައި ކެމްޕޭނެއް އިފްތިތާޙް ކޮށްފިއެވެ.

މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެމްޑަބްލިޔުއެސްސީން ބުނީ މި ކެމްޕޭނުގެ މަޤްސަދަކީ ރ.ދުވާފަރުގައި ދެމުން ގެންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްކާތެރި ގޮތެއްގައި ކުނި ނައްތާލައި ދުވާފަރުގެ ރައްޔިތުން އެކަމަށް އަޚުލުވެރި ކުރުވުން ކަމަށެވެ.

މިކެމްޕޭން އިފްތިތާޚް ކޮށްދެއްވީ ރ.ދުވާފަރުގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރު އަލްފާޟިލް ޙަސަން ޝާޙެވެ. މިރަސްމިއްޔާތުގައި ދުވާފަރު ކައުންސިލާއި, މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީގެ އެގްޒެކެޓިވް މެނޭޖުމަންޓް ޓީމާއި, މުވައްޒަފުން އަދި ރަށުގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.

​​"ނަލަ ދުވާފަރު" ކެމްޕޭންގެ މައިގަނޑު މަޤްސަދަކީ ރ.ދުވާފަރު ނަލަ، ސާފު ރަށެއްގެ ގޮތުގައި ބޭއްވުމާއި އަދި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް އިތުރަށް ފަސޭހަ ކޮށްދިނުމެވެ. މި ކެމްޕޭނުގެ ތެރެއިން، ކުނީގެ ބާވަތްތައް ވަކިކުރުމަށް ޚާއްސަ ޑަސްބިންތަކެއް، ދުވާފަރުގެ ކޮންމެ ގޭބިސީއަކަށް ޙަވާލުކުރެވޭނެއެވެ. އަދި ދުވާފަރުގެ ރައްޔިތުންގެ މެދުގައި ކުނި މެނޭޖްކުރުމުގެ އުސޫލްތަކަށް އިތުރަށް އަހުލުވެރިކުރުމަށް، ޑޯ-ޓު-ޑޯ ކެމްޕެއިންވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އެމް.ޑަބްލިޔު.އެސް.ސީން ބުނީ ​​"ނަލަ ދުވާފަރު" ކެމްޕެއިން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ނިންމާލީ ދުވާފަރު ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމަކުން ކަމަށެވެ. މި ޕްރޮގްރާމްގައި އެމް.ޑަބް.ލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހް އާއި، ކުންފުނީގެ އިސްވެރިންނާއި، މުވައްޒަފުންނާއި، ދުވާފަރުގެ މުއައްސަސާތަކާއި އަދި ދުވާފަރުގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.

މިކެމްޕޭނާއި ގުޅިގެން ދުވާފަރުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން މިއަދު "ކުޑަކުދިންނާއިއެކު އެމް.ޑަބްލިޔު.އެސް.ސީ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމް.ޑަބްލިޔު.އެސް.ސީން ބުނީ އެކުންފުނީގެ އަމާޒަކީ ރައްކާތެރި އަދި ދެމެހެއްޓެނެވި ގޮތެއްގައި ރ.ދުވާފަރުގައި ކުނި މެނޭޖްކޮށް ސާފު މާޙައުލެއް ދުވާފަރުގެ ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށެވެ. އެކުންފުނިން މިހާރު އަންނަނީ ފެނާއި ނަރުދަމާގެ ޚިދުމަތުގެ އިތުރުން ކުނި މެނޭޖްކުރުމާއި، ކަރަންޓާއި، މަސްވެރިންނަށް ބޭނުންވާ އައިސްގެ ޚިދުމަތްވެސް ރ.ދުވާފަރުގައި ފޯރުކޮށްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން