މިސްކިތްތައް ބެލެހެއްޓުމަށް ކަމަށްބުނެ ސިޓީ ކައުންސިލުން ފަންޑެއް ހުޅުވީ ސަރުކާރު ބަދުނާމު ކުރުމަށް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެއެވެ.

ސިޓީ ކައުންސިލުން މިސްކިތް މަރާމާތުކުރުމަށް ފަންޑް ރައިޒިންގ ހަރަކާތެއް ކުރިއަށްގެންދިއުމާއިމެދު އިސްލާމިކް މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތައް މަރާމާތުކުރަން ފައިސާ ހަމަޖައްސައިދީފައިވާކަމަށެވެ.

އެކަމާ ގުޅިގެން ޝަރީފް މިއަދު ވިދާޅުވީ މިސްކިތްތައް ބެލެހެއްޓުން އިސްލާމިކް މިނިސްޓްރީއާ ހަވާލު ކުރުމަށް ގޮވާލާ ކަމަށެވެ. އަދި ހުރިހައި ސަހަރާތަކާއި ދީނާއި، ދީނުގެ ސަގާފަތާބެހޭ އެންމެހައިި ކަންކަންވެސް މިނިސްޓްރީއާ ޙަވާލުކުރުމަށް ޝަރީފް ގޮވާލެއްވިއެވެ.

“މިސްކިތްތަކުގެ ފަންޑު ހުޅުވީ ސަރުކާރު ބަދުނާމުކުރަން.” ޝަރީފް އިތުރަށް ވިދާޅުވިއެވެ.

ޝަރީފްގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްވެސް ވަނީ ސިޓީ ކައުންސިލުން މިސްކިތްތައް ބަލަހައްޓަން ކަމަށް ބުނެ ފައިސާ ހޯދުން ބަލައިނުގަންނަ ކަމަށް ވިދާޅުވެފައެވެ.

“މުސްލިމު ދައުލަތެއްގައި، މިސްކިތްތައް މަރާމާތު ކުރަން ފައިސާ ނެތުމަކީ ބޮޑުވެގެންވާ ލަދެއްް. ފައިސާ އިސްރާފުނުކޮށް ބޭނުންތެރި ކަންކަމަށް ފައިސާ ހަރަދު ކުރަން ޖެހޭ.” ކާނަލް ނާޒިމް ވިދާޅުވެފައިވެއެވެ.

ސިޓީ ކައުންސިލުން ހުޅުވާފައިވާ “ޗާލު މިސްކިތް” ޙަރަކާތާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރު ސަރުކާރުން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަމަޖައްސައިދީފައިވަނީ އެންމެ 1 މިލިއަން ރުފިޔާ ކަމަށާއި އޭގެ ބޭރުން މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމަށް ހަރަދުކޮށްފައިވާކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ "ޗާލު މިސްކިތް" ހަރަކާތުން 744713.90 ރުފިޔާ ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ހަސަނާ

22-Feb-2023

އެމް އެން ޕީ އަކީ އަންނަދައުރުގަ އިބޫސޯލިހުގެ ކޯލިސަންޕާރޓުނަރެެއްކަން ވަރައްސާފު އެހެންވެ މޭކަރާގަތީ....