ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ޙުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓް އަދިވެސް ނުލިބޭ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ހާމަކޮށްފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނޭ ވަކީލު އާދަމް ޝަމީމް މިއަދު ވިދާޅުވީ ޖިނާޢީ މައްސަލަތައް ހައިކޯޓުގައި އިސްތިޢުނާފް ކުރުމަށް 60 ދުވަސް ލިބޭ ކަމަށާއި ރައީސް ޔާމީންގެ މައްސަލަ އިސްތިޢުނާފް ކުރާނެކަމަށެވެ. ނަމަވެސް އަދި ފުރިހަމަ ރިޕޯޓް ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އިސްތިޢުނާފް މުއްދަތުގެ 60 ދުވަސް ގުނަނީ ބަންދު ދުވަސްތައް ނުލާ ކަމަށެވެ. އަދި ނޫސްތަކުން ދަނީ ރައީސް ޔާމީންގެ ސަޕޯޓަރުން މާޔޫސް ކުރުމަށް ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަމުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

“އަދި މިއުޅެނީ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ވެސް ނުލިބިގެން.” ޝަމީމް ވިދާޅުވެފައިވެއެވެ.



މި މައްސަލާގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ވަކީލް ޢަބްދުالله ސިޔާޒް ވިދާޅުވީ ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް އިސްތިއުނާފު ކުރުމަށްޓަކައި ޝަރީއަތް ނިމުނުގޮތުގެ ރިޕޯރޓު މަޙްޟަރު ބަޔާންތަކާއެކު ހޯދުމަށް 2022 ޑިސެމްބަރު 25 ވަނަ ދުވަހު އެދިފައިވާ ކަމަށެވެ. ނަމަވެސް މިއަދާހަމައަށްވެސް އެރިޕޯރޓް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“އިސްތިއުނާފްގެ އެއް މަސްދަރަކަށްވާނީ، ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަ ހިމެނޭ މަޙްޟަރު ބަޔާންތަކެވެ.” ސިޔާޒް ވިދާޅުވިއެވެ.



މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހު، ރައީސް ޔާމިން 11 އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އިދިކޮޅު ލީޑަރު އަދި ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ މައްޗަށް އައި ހުކުމާއެކު އިންތިހާބުގައި ވާދަކުރެއްވުމަށް ވަނީ ގާނޫނީ ހުރަހެއް ކުރިމަތިވެފައެވެ. ނަމަވެސް އިސްތިއުނާފް މަރުހަލާގައި އެމަނިކުފާނު މިނިވަންވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވަކީލުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން