ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހިން އިތުރު ކުރުމުގެ މަސައްކަތް ކުރެވިގެންދާނީ ފިޔަވަހިތަކެއްގެ ތެރެއިންކަމަށާއި އަމާޒަކީ މިއަހަހަރުގެ ތެރޭގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް 51 އިންސައްތައަށް އެރުވުން ކަމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ހުޅުވާލާއިރު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް އިތުރު ކުރަން މަސައްކަަތް ކުރާނެ ކަމަށެވެ. އަދި އަލުން ފަތުރުވެރިކަން ފަށާއިރު މަސައްކަތްް ކުރަމުންދާނީ ދިވެހިން އިތުރު ކުރެވޭނެ ފެށުމަކަށް ހެދުމަށް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިހާރު އެކަމުގައިއަމަލު ކުރަމުން ދަނީ 2012 ވަނަ އަހަރު ނެރެފައިވާ ސާކިއުލާއަކަށެވެ. އެއީ ދިވެހިން 45 އިންސައްތަ އަދި ބިދޭސީ މުވައްޒަފުންގެ ނިސްބަތް 55 އިންސައްތައިގައި ރިސޯޓްތަކުގައި ތިބެވޭނެ ގޮތަށް ތައްޔާރުކޮށްފައި އޮތް ސާކިއުލާއެކެވެ.

އަލީ ވަހީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި ސާކިއުލާ އިސްލާހުތަކާއެކު އާ ކުރުން ކަމަށެވެ. އަދި މި ސާކިއުލާ އާވެގެންދާއިރު، އަމާޒަކަށް ހުރީ އެންމެ ފުރަމަތަ ދިވެހިންގެ ނިސްބަތް 51 އިންސައްތަ މެޖޯރިޓީއަށް ވާސިލްވުން ކަމަށް އަލީ ވަހީދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދެން އޮތް އަމާޒަކީ އަންނަ އަހަރުގެ މަސައްކަތްތެރިންގެ ދުވަސް އަންނަން ވާއިރަށް 55 އިންސައްތަައަށްވުރެ މައްޗަށް ދިވެހިންގެ ނިސްބަތް ޖައްސައި ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިން އިތުރު ކުރުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެކިއެކި ގޮތްގޮތަށް މުވައްޒަފުން ވަޒީފާއިން ވަކި ކުރެވި ނޫނީ މުސާރައިން ވަކި ބައެއް އުނި ކޮށްފައިވާ މައްސަލަ އަށް އިޝާރަތް ކުރައްވައި އަލީ ވަހީދު ވިދާޅުވީ، އެކަންކަން ރަނގަޅުކޮށް، ވަޒީފާއިން ވަކިކުރި މުވައްޒަފުން އަލުން ވަޒީފާއަށް އިއާދަ ކުރުމަށް ރިސޯޓްތަކަށް ނަސޭހަތްތެރިވެފައި ވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓް ތަކުގައި ދިވެހި މުވައްޒަފުންގެ ހިއްސާ އިތުރުކުރަން ކުރި މަސައްކަތުގައި، ކޯވިޑް-19ގެ ހާލަތު އައުމުގެ ކުރިން ހާސިލުކުރެވެން އޮތީ 5000 ވަރަކަށް ދިވެހިން ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރުކޮށްގެން ކަމަށެވެ.

މިނިސްޓަރު ލަފާ ކުރެއްވި ގޮތުގައި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ނިސްބަތް ފަންސާސް އެއް ޕަސެންޓަށް އިތުރުވެގެންދާއިރު ގާތްގަނޑަކަށް 9،000 ވަރަކަށް ދިވެހިން މި ދާއިރާގައި މަސައްކަތްކުރާނެއެވެ.

"އެކަމުގެ ތެރެއިން ހަމައެކަނި ދިވެހިންގެ ނަންބަރުތައް އިތުރުކުރުމެއް ނޫން. ދިވެހިން މަތީ މަގާމުތަކަށް ގެނެވޭނެ އުސޫލުތަކާއި، ދިވެހިން މި ދާއިރާއަށް ތަމްރީނުކުރުމުގެ އިންޑަސްޓްރީއާއި ސަރުކާރާއި ގުޅިގެން ކުރެވޭނެ މަޝްވަރާތައް މި ދަނީ އެހެން މިނިސްޓްރީތަކާއި އެކުގައިވެސް ކުރެވެމުން." އަލީ ވަހީދު ވިދާޅުވިއެވެ.

ފަތުރުވެރިކަން އަލުން ހުޅުވާލާ ތާރީޚެއް އިއުލާންކުރުމުގެ ކުރިން 41 ރިސޯޓެއް އަލުން ހުޅުވުމަށް މިނިސްޓްރީއާއި މަޝްވަރާކޮށްފައިވާއިރު އިތުރު 31 ރިސޯޓެއް ޖުލައި 15ގައި ރާއްޖެ ހުޅުވުމަށް އިއުލާންކުރުމާއިއެކު މަޝްވަރާތައް ފަށާފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 އާ އެކު ކުރިމަތިވި އިގްތިސާދީ ދަތިކަމުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެތައް ބައެއްގެ ވަޒީފާއަށް އަސަރުކޮށްފައިވާއިރު މީގެ ތެރޭގައި ވަޒީފާ ގެއްލުނު، މުސާރަ ކުޑަކޮށް ނުވަތަ ނޯ ޕޭއަށް ފޮނުވުނު އެތައް ސަތޭކަ މަސައްކަތްތެރިންނެއް ހިމެނޭ ކަން ފާހަގަކޮށްލެވެއެވެ. ރިސޯޓްތަކުގައި މަސައްކަތް ކުރާ 45،000 ވަރަކަށް މީހުންގެ ވަޒީފާއަށް ކޯވިޑް-19 ގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށް ޔޫއެންޑީޕީ އިން ކުރިއަށް ގެންދިޔަ ދިރާސާ އަކުން ވަނީ ހާމަވެފައެވެ. މީގެ ތެރޭގައި 22،000 އަށް ވުރެ ގިނަ ދިވެހިން ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން