ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކުރާނީ އެމަސައްކަތް ފަށާގޮތަށް ނިންމާނެ ބަޔަކާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް ހޯރަފުއްޓަށް ވަޑައިގެން މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ހޯރަފުށީ ރައްޔިތުން މިވަގުތު އެންމެ ބޮޑަށް ބޭނުންވާ އެރަށުގެ ހޮސްޕިޓަލްގެ މަސައްކަތް ބަޔަކާ ޙަވާލުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިޔަށްދާ ކަމަށެވެ.

އެގޮތުން އެ މަސައްކަތް ޙަވާލުކުރާނީ މަސައްކަތް ފަށާގޮތަށްގޮސް ނިންމާނެ ބަޔަކާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ދެން ހޯރަފުއްޓަށް ދަތުރެއް ކުރައްވާނީ އެ ހޮސްޕިޓަލުގެ މަސައްކަތް ނިންމަވާފައި ކަމަށް ރައީސް ޞާލިޙްވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ހޯރަފުއްޓަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ލިސްޓު ދިގުކަމަށާއި އެހެންކަމުން އެރަށުގެ އެމްޑީޕީ މެންބަރުން ވޯޓު ދެއްވާނެގޮތް އެމަނިކުފާނަށް ސާފު ކަމަށެވެ. ނަމަވެސް އެރަށަށް ވަޑައިގެންނެވީ އެސަރަހައްދަށް އައިސް, ހޯރަފުށީ ރައްޔިތުންނާ ބައްދަލުނުކޮށް ދިއުމަށް ހިތްހަމަނުޖެހޭތީ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަނެއްކާ ފަސް އަހަރުފަހުން ކުރިއަށް ގެންދަން ނުޖެހޭނެކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ކޮންމެ މަސައްކަތަކީ ރޭވިގެން ޕްލޭންކޮށްގެން ކުރާ މަސައްކަތެއް ކަމަށެވެ. އެގޮތުން ރައީސް ވަނީ ހޯރަފުށީ އެއާޕޯޓާއި, ފުޓްބޯޅަ ދަނޑާއި, އައިސްޕްލާންޓުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުވެސް މި ސަރުކާރުން ނިންމާފައިވާކަން ފާހަގަ ކުރަށްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހއ. އަތޮޅަށް ވަޑައިގެންފައިވާއިރު މި ޕްރައިމަރީގައި ރައީސް ޞާލިޙާއި ވާދަކުރަށްވަނީ ރައީސް ނަޝީދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން