އިހަވަންދުއަކީ އެމްޑީޕީގެ ހަބެއް ކަމަށާއި މިދިޔަ އަހަރުގެ ނިޔަލަށް އެރަށަށް 129.7 މިލިއަން ޚަރަދުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންނަށް ހއ. އިހަވަންދުއަށް ވަޑައިގެން އެމްޑީޕީ މެންބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މިއަދު ވިދާޅުވީ ކޮވިޑުގެ ސަބަބުން ކުރިމަތިވި ދަތިތަކާއެކު ވެރިކަމުގައި އަސްލު ލިބުނީ ދެ އަހަރު ކަމަށާއި ނަމަވެސް އެ ދެ އަހަރުގެ ތެރޭގައި މީގެ ކުރީގެ ސަރުކާރުތަކަށް ފަސް އަހަރުގެ ދައުރެއްގައި ނުކުރެވުނު މިންވަރަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން އިހަވަންދޫ ދާއިރާގެ ތަރައްޤީއަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ރައީސް ވަނީ ޙިއްސާ ކުރަށްވާފައެވެ.

އިހަވަންދޫ އަކީ އެމްޑީޕީގެ ހަބެއްކަން ފާހަގަ ކުރަށްވައި ރައީސް ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރުގައި ހަމައެކަނި އިހަވަންދޫއަށް 129.7 މިލިއަން ރުފިޔާ ހަރަދުކޮށް ނިމިފައިވާއިރު, ދާއިރާގައި ހިމެނޭ މާރަންދުއަށް 34 މިލިއަން ރުފިޔާ އަދި މޮޅުދުއަށް 49 މިލިއަން ރުފިޔާ ދަޢުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށެވެ.

"ހަތަރު އަހަރު އެކީގައި އަޅުގަނޑުމެން އާންމު ހާލަތުގައި އުޅުނު ކަމަށް ދެކިވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެބަގެންދޭ. އެހެންނަމަވެސް މި ލިބުނު ގާތްގަނޑަކަށް ދެ އަހަރުތެރޭގައި އެއްވެސް ސަރުކާރަކުން މި ވޭތުވެދިޔަ ތަނުގައި ނުކުރާވަރުގެ ގިނަ މަސައްކަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު ވިދާޅުވީ އިހަވަންދޫ އެމްޑީޕީ މެންބަރުންގެ ކުރިމަތީގައި އޮތީ މުހިއްމު ސުވާލެއް ކަމަށެވެ. އެއީ ސަރުކާރުން ހިންގާ މަޝްރޫއުތައް އަނެއްކާވެސް މެދުކަނޑާލާފައި މަގުމައްޗަށް ނުކުންނާނީތޯ ނޫނީ ފަށާފައި ހުރި މަސައްކަތްތަކާއި ކުރަން ހުރި މަސައްކަތްތަކަށް ފުރުސަތު ލިބޭގޮތަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީތޯ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު އިހަވަންދޫ ދާއިރާއިން ޢަމަލުކުރާގޮތަކީ އެމްޑީޕީގެ އެހެން ދާއިރާތަކުން ވެސް ވިސްނާނެ ކަމެއް ކަމަށް ރައީސް ޞާލިޙް މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން