މަކުނުދޫ ދާއިރާގައި ގިނައިން ހުރީ "އައިސްފައި" ހުރި ކަންތައްތައްކަމަށް އެދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ހދ. ކުމުންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރާއީ ވިދާޅުވީ އެދާއިރާއަކީ ކުރީގެ ސަރުކާރުތަކުގައި ވަރަށް ބޮޑަށް އިހުމާލުވެފައިއޮތް ދާއިރާއެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި ރައީސް ޞާލިޙް ކުމުންދޫއަށްވެސް 3 ފަހަރު ޒިޔާރަތް ކުރަށްވާފައިވާކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ މަކުނުދޫ ދާއިރާގައި މި ސަރުކާރުން ކުރީގެ ސަރުކާރުތަކުގައި ނުކުރާ ވަރަށް މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ. އަދި އެއީ "އަންނަނީ" ގައި ހުރި ކަންތައް ނޫންކަމަށާއި "އައިސްފައި" ހުރި ކަންތައްތައް ކަމަށް ރާއީ ވިދާޅުވިއެވެ.

އެގޮތުން ޓީޗަރުންގެ މުސާރަ ބޮޑު ކުރުމާއި، ހިލޭޑިގްރީއާއި، އާރުޓީއެލް ފެރީ ނިޒާމް ރާއީ ވަނީ ފާހަގަކުރަށްވާފައެވެ. ރާއީ ވިދާޅުވީ އެދާއިރާގައި ހުރި ޕްރޮޖެކްޓްތަކުގެ މަސައްކަތްވެސް ދަނީ ބާރަށް ކުރިއަށް ކަމަށެވެ.

ހަމައެއާއެކު ރައީސް ޞާލިޙް ވެވަޑައިގެންފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް ރާއީ މިއަދު ވިދާޅުވިއެވެ.

"ޔާމީނުގެ 5 އަހަރުގެ ތެރޭގައި މިރަށުގައި ހަމައެކަނި ކޮށްލި ކަމަކީ މިސްކިތެއް އެޅީ. އަޅުގަނޑުމެން އައިސް ނިންމީ. މަކުނުދޫގައި ކޮށްލި ކަމަކީ ސްކޫލެއް. މި ސަރުކާރުން އައިސް ނިންމީ. ނޭކުރެންދޫ އޮންނަ ތަނެއްކަންވެސް ނޭންގޭ. އެކަމަކު މިހާރު ތިޔަބޭފުޅުންނަށް އިނގޭނެ ކޮންކަންތައްތަކެއްކަން ހިނގަމުންދަނީ." ރާއީ ވިދާޅުވިއެވެ.

ކޮވިޑްގެ ދަތިކަމުގެ ހަނދާން އާކުރަށްވަމުން ރާއީ ވިދާޅުވީ، އެ ދުވަސްވަރު ޒުވާނުންނަށް ބޭނުންވީ ވަޒީފާ ކަމަށާއި އެދާއިރާގައި އުފެއްދުނު ވަޒީފާތަކުން ގިނަ ޒުވާނުން ތަކަކަށް ވާޒީފާގެ ފުރުސަތު ލިބުނުކަމަށެވެ. އަދި އެއީ ރައީސް ޞާލިޙްގެ ސަރުކާރުގެ ކާމިޔާބެއްކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ މިއަދު އިތުރަށް ވިދާޅުވީ ސަރުކާރުން ހިންގަމުންދާ ކާމިޔާބު މަސައްކަތްތަކުގެ ސަބަބުން މިމަހުގެ 28 ވަނަ ދުވަހު އޮންނަ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިޙް ބޮޑުތަނުން ކަށަވަރު ކުރަށްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން