ހަނިމާދޫ ބައިނަލްއަގްވާމީ އެއާޕޯޓުގެ މަސައްކަތް މިއަދު މިފެށީ ހުއްޓިއޮވެ، ފަހަތަށް ގޮސް، ގެއްލި ހުސްނުވާ ގޮތަށް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ފެށުމަށް މިރޭ ބޭއްވި ހަފްލާގައި ރައީސް ޞާލިޙް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތަކީ ވަށާޖެހޭ އެތައް ކަމަކާ ގުޅުންހުރި މަޝްރޫޢެއް ކަމަށެވެ.

އެގޮތުން އާރުޓީއެލް ޚިދުމަތާ، ހަނިމާދޫ އެއަރޕޯރޓާ، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރާއެކު ފުރިހަމަ ވާނީ ދިރުން ހުރި އިގްތިޞޯދެއްގެ ފުރިހަމަ މޮޑެލެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ދެން ނުހުއްޓޭނެ ކަމަށެވެ. އަދި ޤައުމެއްގެ ކަންތައްތައް ހަމަ މަގުން ހިންގޭނީ ވަރަށްގިނަ އަމިއްލަ އިޙްސާސާއި ދޭދޭ ޖަޒްބާތު އެއްފަރާތް ކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ.

"ކެހިކަނޑުލުގެ ހިތި ފިލުވޭނެ ކެތްތެރިކަމާއި ވިސްނުންނެތި ކަނޑޫ ކަހައިފިނަމަ އެހިތި އެންމެންގެ އަރުގައިލާނެ. ކުރިއަށް ދާންޖެހޭ ސީދާމަގުން ކައްސާލާ މަގުމަތިވާނެ." ރައީސް ޞާލިޙް މިރޭ ވިދާޅުވިއެވެ.

ރައީސް މިރޭ ވިދާޅުވީ ވިސްނުމެއް ރޭވުމެއް ނެތިއްޖެނަމަ އެންމެން އެކީގައި ބިކަވާނެ ކަމަށާއި ކޮންމެ ކަމަކަށްވެސް ފެންހިފޭ ޕްލޭނެއް އޮންނަންވާނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓުގެ މަޝްރޫޢުގެ ފައިސާ ހުރީ ހަމަޖެހި ނިމިފައިކަމަށާއި މިއީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ، ޒަމާނީ ރީތި ފަސިންޖަރ ޓަރމިނަލެއް ހިމެނޭ ޕްރޮޖެކްޓެއް ކަމަށް ރައީސް މިރޭ ވިދާޅުވިއެވެ.

ހަމައެއާއެކު މިއީ ބޮޑުތިލަދުންމައްޗަށް އަންނާނެ އެންމެބޮޑު ބަދަލުގެ ފެށުންކަމަށްވެސް މިރޭގެ ހަފްލާގައި ރައީސް ވިދާޅުވިއެވެ. އަދި ބޮޑު ތިލަދުންމައްޗާ، ރާއްޖޭގެ އުތުރަށް، ޖެހެން މިފެށީ، އެބޮޑު ބަދަލުގެ، ހެޔޮ ރޯޅިކަން ރައީސް ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން