އިދިކޮޅު ފަރާތްތަކަށް ރައީސް ޞާލިޙްގެ ހެޔޮފުޅުކަން މިހާރު އިޙްސާސް ވާނެކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިމޭރުމުން ވިދާޅުވީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގައި ހިމެނޭ ސިޔާސީ ލީޑަރުން މާފުށި ޖަލަށް ޒިޔާރަތް ކުރަށްވައި، ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީނާ ބައްދަލުކުރެއްވުމާ ގުޅިގެންނެވެ.

ސަމީރު ވިދާޅުވީ އެފުރުސަތަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޖަލުގައި ބަންދު ކުރެއްވި ސިޔާސީ ލީޑަރުންނަށް ލިބިވަޑައި ނުގެންނެވި ފުރުސަތެއް ކަމަށެވެ. އެހެންކަމަުން މިއަދުގެ ރައީސް ޞާލިޙްގެ ހެޔޮފުޅުކަން އިދިކޮޅު ލީޑަރުންނަށް މިހާރު އިޙްސާސްވާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.

"ރައީސް ޔާމީން ވެރިކަމުގައި ނުހައްގުން ޖަލުގާ ހައްޔަރުކުރި ސިޔާސީ ލީޑަރުންނާ ޕާޓީ ތަކުން ބައްދަލުކުރުމަށް ފުރުސަތެއްނުދިން، ރައީސް މައުމޫން، ރައީސް ނަޝީދު، ޖޭޕީ ލީޑަރ ޤާސިމް، އަދާލަތު ރައީސް އިމްރާނަށް އެ ފުރުސަތެއް ނުލިބުނު،" ސަމީރު ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށްފަހު އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ފިސާރި ގަދަކޮަށްކަމަށެވެ. އަދި ރައްޔިތުން މާޔޫސް ނުވުމަށް ވެސް ރައީސް ޔާމީން އެދިވަޑައިގެންނެވިކަމަށް އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީގެ އިސް ބޭފުޅުން ރައީސް ޔާމީނާއި ބައްދަލުކުރައްވާފައިވާ އިރު އެ ޕާޓީން ދަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ބޮޑު ކޮންފަރެންސެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އަދި އެއީ ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ބާއްވާ ކޮންފަރެންސެއްކަމަށް ޕީޕީއެމުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން